މާލޭގެ މަޖީދީމަގުން ބައެއް ބަންދުކޮށް ޒުވާނުންގެ ބަޔަކު ކޮންމެ ރެއަކު ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ ތަކުރާރުކޮށް ނަސޭޙަތްތެރިވެ ޤާނޫނީ އިންޒާރު ދިނުމަށް ފަހުކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ މިގޮތަށް މުޒާހަރާ ރޫޅާލީ މާދަމާ އޯލެވެލް އިމްތިހާނު އޮތުމާއި، އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށްގެން ކަމަށެވރ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އިހްތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރު ކުރާކަމުގެ ޝަކުވާ ކެނޑިނޭޅި ލިބެމުން ދިޔައެވެ. އަދި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުކޮށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ކުޅުން ފަދަ އާންމު މަސްލަހަތަށް ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދާތީ، އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުލުހުން ފާހަގަކުރިއެވެ.
މާދަމާއަކީ ޖީސީއީ އޯލެވެލް އިމްތިހާނަށް ގިނަ ދަރިވަރުން ހާޒިރުވާން ޖެހޭ ދުވަހަކަށް ވާތީ، އެކި ރޭ މަތީން ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރު ދިނުމަށްފަހު މިރޭގެ އިހްތިޖާޖު ރޫޅާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މުޒާހަރާގެ ބައެއް ބައިވެރިންގެ އަމަލުތަކާއި ބަހުރުވަ ހުންނަ ގޮތުން ވެސް ގިނަ އާންމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ފިޔަވަޅު އަޅާފައިވަނީ ދަރިވަރުންގެ ތައުލީމީ މަސްލަހަތާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށް ފުލުހުން ވަނީ އިތުރަށް ހާމަކޮށްފައެވެ.

