މާލޭގެ އިމާރާތަކުން ވެއްޓުނު ކަމަށް ބުނާ ޔުމްނު ރަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ މުޒާހަރާއިން މިރޭ އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މި ހައްޔަރުކުރުމުގެ ކުރިން، ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގިއެވެ. މި ކުރިމަތިލުމުގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ޕެޕާ ސްޕްރޭ ޖަހާފައެވެ.
މުޒާހަރާގެ ބައިވެރިން ތުހުމަތު ކުރާ ގޮތުގައި، މިދިޔަ މަހުގެ 18 ވަނަ ދުވަހު ޔުމްނު ވެއްޓުނީ ގަސްތުގައި ވައްޓާލުމުގެ ސަބަބުންނެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން ގޯސްތަކެއް ހަދާފައިވާ ކަމަށް އެފަރާތްތަކުން ދެކެއެވެ.
މިރޭގެ މުޒާހަރާގައި ބައިވެރިން ވަނީ ގިޓާ ފަދަ ތަކެތި ބޭނުންކޮށްގެން ލައިވް މިއުޒިކް ކުޅެ، ކެރަމް އާއި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް ކުޅެފައެވެ.
މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު، މިހާރު ޔުމްނު ފަރުވާ ހޯދަމުން ދަނީ މެލޭޝިއާގައެވެ. މި މައްސަލައިގައި ރައުދު އަހްމަދު ޒިލާލް ވަނީ ހައްޔަރުކޮށްފައިވާއިރު، އެރޭ ޔުމްނު ކައިރީގައި އުޅުނު އެންމެންގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.

