އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ނިއުބޯން އިންޓެންސިވް ކެއަރ ޔުނިޓް (އެންއައިސީޔޫ)ގައި ފަރުވާ ދެމުންދިޔަ ފަސް ކުއްޖެއްގެ ގައިން ނުރައްކާތެރި ބެކްޓީރިއާއެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 28 ހަފްތާއަށް ވުރެ ކުރީން އުފަންވެ އެންއައިސީޔޫގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލްއަކުން އެމްޑީއާރު “ބަރކޯލްޑޭރިއާ ސެޕޭޝިޔާ” ފެނުމާ ގުޅިގެން، އެ ކުއްޖާ ވަނީ ވަގުތުން އައިސޮލޭޓް ކޮށްފައެވެ. އަދި ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރު ކުދިންގެ ގައިން ނެގުނު ސާމްޕަލްތަކުން އިތުރު ހަތަރު ކުއްޖެއްގެ ގައިން މި ބެކްޓީރިއާ ފެނިފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ދުވަސް ނުފުރާ ވިހާފައިވާ ތިން ކުއްޖަކާއި ދުވަސްފުރާ ވިހެއި އެއް ކުއްޖެކެވެ. މި ހުރިހާ ކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދިޔަ ކުދިންނެވެ.
އައިޖީއެމްއެޗުން ހާމަކުރި ގޮތުގައި، މިވަގުތު އެންއައިސީޔޫގައި ފަރުވާ ދެމުންދަނީ 10 ކުއްޖަކަށެވެ. އޭގެ ތެރެއިން ފަސް ކުއްޖަކީ މި އިންފެކްޝަނަށް ފައްސިވެފައިވާ ކުދިންނެވެ. މި ކުދިންގެ ފަރުވާގެ ކަންކަން ކުރިއަށްދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓް ކުރެވިގެންނެވެ.
ހޮސްޕިޓަލުން އިތުރަށް ފާހަގަކޮށްފައިވަނީ، އަވަސްކަމާއެކު އެޅި ފިޔަވަޅުތަކުން އިންފެކްޝަން ފެތުރުން ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އަދި މި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

