ލޭގެ މަޖީދީމަގުން ބައެއް ބަންދުކޮށްގެން ޒުވާނުންގެ ބަޔަކު ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިރޭ ކުރި މުޒާހަރާ ރޫޅާލުމަށްފަހު ދެ ޒުވާނަކު ހައްޔަރު ކުރި ސަބަބު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި ހައްޔަރުކުރި ދެ މީހުންނަކީ ނ.ކުޑަފަރި / ބަގީޗާގެ، ޢަބްދުﷲ މަޙްޒޫމް މާޖިދު (28އ) އާއި މ. ހަސްތީ / މާލެ، ޢާއިޝަތު ޝިމަން އަޙްމަދު (19އ) އެވެ.
ފުލުހުން ބުނީ ޢަބްދުﷲ މަޙްޒޫމް މާޖިދު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި، އަމުރަށް ނުކިޔަމަންތެރިވެ، ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
އަދި ޢާއިޝަތު ޝިމަން އަޙްމަދު ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މަޖީދީމަގުގައި ކޮންމެ ރެއަކު މުޒާހަރާކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
މި މުޒާހަރާތަކުގައި ބައިވެރިވާ ފަރާތްތަކުން މަގުގެ ބައެއް ބަންދުކޮށްގެން އިހުތިޖާޖުކުރަމުން ދާއިރު، މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

