ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދަން ގޮވާލައި ކުރަމުންދާ ސިލްސިލާ މުޒާހަރާ ތެރެއިން ރޭ ހައްޔަރު ކުރި ދެ ޒުވާނުން ދޫކޮށްލުމަށް، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޕާލަމެންޓްރީ ގްރޫޕުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ގޮވާލައްވައިފިއެވެ.
އަޒާން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވި ވެރިކަމުގައި ވެސް ސުލްޙަވެރި އިހުތިޖާޖުތައް ހުއްޓުވަން ފުލުހުން ހާލަތާއި ނުބައްދަލު ބާރު ބޭނުންކޮށް އެ އިހުތިޖާޖުތައް ހުއްޓުވި ކަމަށާއި، މިއަދުގެ ސަރުކާރުން ވެރިކަމަށް އައީ އެކަން ބަދަލުކުރަން ވައުދުވަމުން ކަމަށެވެ.
ނަމަވެސް ފެނިގެންމިދަނީ ފުލުހުން ނިކުމެ ހަރުކަށި ކަމާއެކު ސުލްހަވެރި އިހުތިޖާޖުތަކަށް ހުރަސް އަޅަމުން ގެންދާތަން ކަމަށާއި، މިއީ ކަންބޮޑުވާ ކަމެއް ކަމަށް އަޒާން ވަނީ ވިދާޅުވެފައެވެ.
ސުލްޙަވެރިކަމާއި އެކު އިޙުތިޖާޖުކުރުމަކީ ޤާނޫނު އަސާސީ އިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމަށާއި، ރޭގެ މުޒާހަރާއިން ހައްޔަރުކުރި ހުރިހާ ޒުވާނުން ދޫކޮށްލުމަށް އަޒާން ވަނީ ގޮވާލާފައެވެ.
ރޭ ފުލުހުން ހައްޔަރުކޮށްފައި ވަނީ މ. ހަސްތީ، އުމުރުން 19 އަހަރުގެ އައިޝަތު ޝިމަން އަހުމަދާއި، ނ. ކުޑަފަރި، އުމުރުން 28 އަހަރުގެ އަބްދުﷲ މަހްޒޫމް މާޖިދެވެ.
ފުލުހުން ބުނީ މަޙްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށާއި، އަދި ޝިމަން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

