އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ އިދާރާ އިން ފޮނުވައިފިއެވެ.
މި މައްސަލައިގެ ނޯޓިސް މަޖިލީހަށް ފޮނުވީ މިދިޔަ ބުދަ ދުވަހުއެވެ. 12 މެމްބަރުންގެ ސޮޔާ އެކު، މިނިސްޓަރ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މިނިސްޓަރަކަށް މަޖިލިހުގެ އިދާރާ އިން އެކަން އަންގަން ޖެހެއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިހަށް އެ މައްސަލަ ހުށަހެޅީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި ބުނެފައި ވަނީ، އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން އެ މީހުން ބަރީއަ ކުރުމަށް ފުލުހުންގެ އިދާރާ އަށް އޭނާ ނުފޫޒު ފޯރުވާފައިވާކަން ހާމަވާ ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވެފައިވަނީ ޔުމްނު ވެއްޓުނު ރޭ ރާއްޖޭގައި ނޫޅުއްވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަތަރުގެ ދޯހާގައި އޮތް ރަސްމީ ބައްދަލުވުމަކަށް ފަހު ރާއްޖެ ވަޑައިގަތީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

