މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ޙުތުބާގެ މައުޟޫޢުއަކީ “ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ.” މިއެވެ.
ޚުތުބާގައި ބުނެފައިވަނީ، މާތްﷲ އެކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ ކިޔަމަންގަތުމާއި، ހެޔޮ ޢަމަލުތަކުގައި ކުރިއަރައިދިއުމަށާއި، އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް ކަމަށެވެ.
އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަޞިއްޔަތްކުރުމަކީ، މާތް اللهއާ ކުއްތަންކޮށްދޭ މަތިވެރި ޢަމަލެއް ކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޚުތުބާގައި ބުނީ މާތް ﷲ އީ ރަޙީމުވަންތަ، މީސްތަކުންނަށް ރަޙުމުކުރާ މީހުން ދެކެ ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެ ކަމަށާއި ހަމަކަށަވަރުން އަޅުތަކުންކުރެ އެކަލާނގެ ރަޙުމުކުރައްވަނީ މީސްތަކުންނަށް ރަޙުމުކުރާ މީހުންނަށް ކަމަށެވެ.
އިތުރަށް ޚުތުބާގައި ބުނީ މާތްﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށްކަން ފާހަގަކޮށް ޚުތުބާގައި ގޮވައިލީ އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވާފައި ކަމަށާއި މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމުގެ އިތުރުން ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށްވުމަށް ނަސޭހަތްތެރިވިއެވެ.
އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއް ފަދަ ސަޒާ ދެއްވާނެ ކަމަށާއި މީހަކާ މުޢާމަލާތުކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އެމީހަކާއި މުޢާމަލާތުކުރައްވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

