އައިޖީއެމްއެޗުގެ އެންއައިސީޔޫން ފެނުނު، އެޅި ފިޔަވަޅުތަކާއެކު އެޖަރާސީމް އިތުރަށް ފެތުރުން ހުއްޓުވިފައިވާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ނިއޯނޭޓަލް އިންޓެންސިލް ކެއަރ ޔުނިޓު ދިމާވި، ގިނަ އެންޓިބަޔޮޓިކަށް ނުގުޑާ ޖަރާސީމްގެ ކޭސްއާ ގުޅިގެން އެހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި އެންއައިސީޔޫގައި އެޑްމިޓްކުރެވި، ފަރުވާދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލަކުން އެމްޑީއާރް “ބަރކޯލްޑޭރިއާ ސްޕޭޝިއާ” ފެނިފައިވަނީ މާރޗް 27 ވަނަ ދުވަހު ކަމަށެވެ. އަދި ވަގުތުން އެކުއްޖާ އައިސޮލޭޓްކުރެވި، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް އެންވައިރަމެންޓަލް ސާމްޕަލް ނަގައި، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މި ކޭސްއަށްފަހު އިތުރަށް ނެގުނު ސާމްޕަލްތަކުން އެންއައިސީޔޫގައި އެޑްމިޓްކުރެވިފައިތިބި އިތުރު ދުވަސްނުފުރާ ވިހާފައިވާ 3 ކުއްޖަކާއި ދުވަސްފުރާ ވިހާފައިވާ 1 ކުއްޖެއްގެ ހަށިގަނޑުން ޖަރާސީމު ފެނިފައިވާކަމަށާއި އެ ހުރިހާ ކުދިންނަކީވެސް ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ކުދިންކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ހަމައެއާއެކު، ޖަރާސީމު އިތުރަށް ފެތުރުން ހުއްޓުވުމަށް، ފައްސިވި ހުރިހާ ކުދިން އައިސޮލޭޓްކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތަކާއިއެކު ފަރުވާދެމުން އަންނަކަމަށާއި، އެންޓިބައޮޓިކް ފަރުވާ ދެވުނީ އެންޓިމައިކްރޯބިއަލް ސަސްޕެޓިބިލިޓީ ނަތީޖާއާއި އެކު ކޮންމެ ކުއްޖެއްގެ ކްލިނިކަލް ހާލަތަށް ބަލައިގެން އެކުދިންނަށް ފަރުވާދީ، އެންއައިސީޔޫގެ މާހައުލުގައި ހުރެދާނެ ކޮންޓަމިނޭޝަންގެ ސަބަބުތައް ދެނެގަތުމަށް ޓެސްޓުތައް ހަދާފައިވާކަމަށްވެސް އެހޮސްޕިޓަލުން ވިދާޅުވެއެވެ.
އައިޖީއެމްއެޗުން ވިދާޅުވީ، ޖަރާސީމު ހުރެގެން ފަރުވާދެމުން އަންނަ 5 ކުދިންނަށް ފަރުވާދެމުންއަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓްކުރެވިގެންކަން އެހޮސްޕިޓަލުން ފާހަގަކުރައްވާފައިވާއިރު، އޭޕްރިލްމަހުގެ 15 ގެ ފަހުން ޖަރާސީމަށް ފައްސިވެފައިވާ އިތުރު ކޭސްއެއް ރިޕޯޓްކުރެވިފައި ނުވާކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.
ޖަރާސީމަށް ފައްސިވެފައިތިބި ކުދިންގެ ތެރެއިން އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖެއިން ބޭރަށް ފޮނުވުމުގެ އިންތިޒާމްތައް މިހާރު ހަމަޖެއްސުމުގެ ކަންކަން ކުރިޔަށްދާކަމަށާއި، އެހޮސްޕިޓަލުގައި ފަރުވާދެވޭ ބަލިމީހުންގެ ސިއްޙަތާއި، ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

