މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުން ލަސްކުރީ، ޝެޑިއުލް ދަތުރުތަކާއެކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށްކަމަށް ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު މުބީން ވިދާޅުވެއްޖެއެވެ.
މުބީން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ “ޕީއެސްއެމް”އަށް ދިން އިންޓަރވިއު އެއްގައެވެ.
މުބީން ވިދާޅުވީ އޭޕްރީލް 25ވަނަ ދުވަހު ބޭއްވި ޓެސްޓް ފްލައިޓަށްފަހު، މިހާރު ކުރަމުންދަނީ ސިވިލް އޭވިއޭޝަންއިން ހަދާ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތްކަމަށެވެ.
“ކުރިން ނިންމާފައި އޮތީ މިމަހުގެ 1 ވަނަ ދުވަހު ބައްވާ ޚާއްސަ ރަސްމިއްޔާތަކާއެކު މުލީ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް، ނަމަވެސް އެއަރޕޯޓް ހުޅުވުން ލަސްކުރީ، ޝެޑިއުލް ދަތުރުތަކާއެކު އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް” މުބީން ވިދާޅުވިއެވެ.
މުބީން ވިދާޅުވީ މުލި އެއަރޕޯޓަށް ކޮމާޝަލް ދަތުރުތައް ފެށުމަށް، އަންނަ އާދިއްތަދުވަހު ރާއްޖޭގެ އެއަރލައިންތަކާއެކު ބައްދަލުކުރާނެކަމަށެވެ.
މުލީ އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވަނީ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ ޑޮމެސްޓިކް ދަތުރުރަކަށް ޚާއްސަ އެއަރޕޯޓެކެވެ. މުލި އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާނީ އެކަމަށްޓަކާ ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމު މުޢިއްޒެވެ.

