ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދަން ޒުވާނުންތަކެއް ކުރި މުޒާހަރާ މިހާރު ނިމިއްޖެ ކަމަށާއި މިރެއިން ފެށިގެން ދެން އަސްލު ސިޔާސީ މުޒާހަރާ ފެށުނީކަމަށް މި މުޒާހަރާ ރޭވުމުގައި އިސްކޮށް އުޅުނު ފަރާތްތަކުން ހާމަކޮށްފިއެވެ.
މުޒާހަރާގައި މައިކް ބޭނުންކުރަމުންދާ އިސްފަރާތްތަކުން ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ބުނެގައިވާ ގޮތުގައި މިރޭ ފަށާ މުޒާހަރާއަށް ހުރިހާ މަދަނީ ޖަމިއްޔާތަކަށާއި، ސިޔާސީ ހުރިހާ ޕާޓީތަކަށް ދައުވަތު ދެއްވާ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހު މާލޭގެ އިމާރާތެއް މަތިން ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި، ޒުވާނުން ސިލްސިލާކޮށް ކޮންމެ ރެއަކު ކުރަމުންދާ މުޒާހަރާއަށް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
ރޭގެ މުޒަހަރާގެ ތެރެއިން ޒުވާނުން ވަނީ މިއުޒިކާއި ޓޭބަލް ޓެނިސް މޭޒު މަގުމަތީގައި ބަހައްޓައިގެން ޓޭބަލް ޓެނިސް ވެސް ކުޅެފައެވެ. އަދި މަގުމަތީގައި ކެރަމް ބޯޑު ބަހައްޓައިގެން ކެރަމް ވެސް ވަނީ ކުޅެފައެވެ. ޒުވާނުން މިފަދަ ގޮތަކަށް އަމަލު ކުރުމުން، މަގުން ދަތުރު ކުރި ގިނަ ވެހިކަލްތަކަށް ވަނީ ދަތުރު ކުރަން ދަތިވެފައެވެ. އެކަމާއި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ފާޑުކިޔަމުންނެވެ.
މާލެ މަގުތަކުގައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާގެ ތެރެއިން، ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާ ރޫޅާލައި، ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ ނ. ކުޑަފަރި، ބަގީޗާގެ، އުމުރުން 28 އަހަރުގެ ޢަބްދުﷲ މަޙްޒޫމް މާޖިދު އާއި މާލެ، މ. ހަސްތީ، އުމުރުން 19 އަހަރުގެ ޢާއިޝަތު ޝިމަން އަޙްމަދުއެވެ.
ފުލުހުން ވިދާޅުވީ، މަޖީދީމަގުގައި ދުއްވާ އުޅަނދުފަހަރަށް މަގު ބަންދުވާގޮތަށް ބައެއް ޒުވާނުން ހިންގަމުންދާ އިހުތިޖާޖުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުން ދިޔަ ކަމަށެވެ.
އެގޮތުން މި އިހުތިޖާޖުގައި މަގު ބަންދުވާ ގޮތަށް މިއުޒިކް ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރުން ކުރިއަށް ގެންދިއުމާ ގުޅިގެން މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށް ފުުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުހުން ވިދާޅުވީ، މިއަދަކީ އަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށް ވުމާއެކު އެކި ފަހަރު މަތިން ތަކުރާރުކޮށް ނަސޭހަތްތެރިވެ ގާނޫނީ އިންޒާރު ދިނުމަށްފަހު، ރޭ އެ ހަރަކާތްތައް ހުއްޓުވައި، އެއްވުން ރޫޅި ކަމަށެވެ.
ޒުވާނުން މިފަދައިން އަމަލު ކުރުމުން ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި އެކަމަށް ފާޑު ކިޔަމުންނެވެ. އެގޮތުން ބައެއް މީހުން ބުނީ އެގޮތަށް އަމަލުކުރުމުން މުޒާހަރާގެ އަސްލު މަޤްސަދު ގެއްލިފައިވާ ކަމަށެވެ. އަދި މަރުގެ ތުންފަންމަތީގައި ޔުމްނު އޮތްއިރު، މިފަދައިން މުޒާހަރާގެ ބައިވެރިން އަމަލު ކުރުމުން އެކަމަށް ވެސް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އެންމެންގެ ހައްޤުތައް ވެސް އޮންނާނެ ކަމަށާއި ކޮންމެ ހައްޤަކާއެކު ޒިންމާއެއް އޮތްކަން ވެސް ޤަބޫލުކުރަންވާނެ ކަމަށް އެހެން މީހަކު ކުރި ޕޯސްޓެއްގައި ވެސް ވަނީ ބުނެފައެވެ.
އަދި މީސްމީޑިއާގައި އާންމު ކުރި ޕޯސްޓެއްގައި މީހަކު ބުނެފައިވަނީ ޙައްޤު ހޯދައިދިނުމުގެ ނަމުގައި އިހުތިޖާޖު ކުރަން ނިކުތުމަށްފަހު، އެންމެ ފަހުން މަގުމެދަށް ޓީޓީ މޭޒާއި، ކެރަމް ބޯޑު ނެރެ، ކުޅިވަރު ޓޯނަމެންޓު ބާއްވައި، ބެޑްމިންޓަން މުބާރާތް ބާއްވައި، ވަނަ ހޮވައި، އުފާ ފާޅުކޮށް، ހަޑިހުރު ބަހުރުވައިން ލަވަކިޔައި، ހިސާބު އެންމެނަށް ނުނިދޭވަރުކޮށް، ޅަދަރިން ޓެސްޓަށް ފިލާވަޅު ދަސްކުރަން އުނދަގޫ ވާވަރަށް މިއުޒިކު ޝޯ ބާއްވައި އަޑުގަދަކޮށް ހެދުމުން، އެ ހިސާބުން އެއޮތީ އެބަޔަކު އެންމެ ފުރަތަމަ ކުރަން ނިކުތް ކަންތަކުގެ މަޤްޞަދު ބަދަލުވެ، މުޅިން އެހެން އެޖެންޑާއަކާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށެވެ.

