ހުޅުމާލޭގައި އެސްޓީއޯއިން ތަރައްގީކޮށް ނުހުޅުވެ ޒަމާންވެފައިވާ "އެސްޓީއޯ ހޮޓާ" ހިންގަން އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި ހިންގުން ހަވާލުކުރަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކުރުމަށް ހައުސިން ޑިވޮލޮޕްމެންޓްް ކޯޕަރޭޝަން އެޗްޑީސީން ހަވާލު ކުރަން އެމްއޯޔޫއެއްގައި ސޮއި ކޮށްފިއެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، ޔޫތް ސެންޓަރު (އީ- ސްޕޯރްޓްސް) އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.
އެޗްޑީސީން ބުނި ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދައި، 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ބުނީ އެ ހޮޓެލް ހުޅުވަނީ "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ކަމަށެވެ.
‘މެންހަޓަން ގްރޭންޑް ހޮޓެލް، ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ.

