މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި، ޒުވާނުން ކުރަމުންދިޔަ ސިލްސިލާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އަބްދުﷲ މަހުޒޫމް މާޖިދު އަދި އައިޝަތު ޝިމަންގެ ބަންދަށް 3 ދުވަސް ޖަހައިފިއެވެ.
މުޒާހަރާގެ ތެރެއިން މަހްޒޫމް އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނި ގޮތުގައި މަހްޒޫމް ހައްޔަރުކުރީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައެވެ.
ޔުމްނު އަށް އިންސާފު ހޯދައިދޭން ގޮވާލައި، ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ ރޭގެ އެއްވުން ރޫޅާލީ ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

