މާލޭގެ އުސް އިމާރާތަކުން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ ސިލްސިލާކޮށް ބާއްވަމުން އަންނަ މުޒާހަރާ، ފުލުހުން ދިން އިންޒާރާ އެކު ކާނިވާ ސަރަހައްދަށް ބަދަލުކޮށްފިއެވެ.
މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލު އައިކު އަހުމަދު އީސަ މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސުލްހަވެރި އިހްތިޖާޖަށް ސަރުކާރުން ހުރަސް އަޅަމުންދާތީ، މުޒާހަރާ މިރޭ ކުރާނީ ކާނިވަލުގައި ކަމަށެވެ. މީގެ ކުރިން އެއްވުންތައް ބާއްވަމުން އައީ މަޖީދީ މަގުގައެވެ.
ކާނިވާ ސަރަހައްދުގެ އިތުރުން ރަސްފަންނާއި މާލޭ އިންޑަސްޓްރިއަލް ޒޯން އާއި އުސްފަސްގަނޑަށް އެއްވެވޭނެ ކަމަށް ކަނޑައަޅައި ހޯމް މިނިސްޓްރީން އިއުލާނެއް ވަނީ މިރޭ ގެޒެޓުކޮށްފައެވެ.
މިރެއަކީ މުޒާހަރާގެ އަށް ވަނަ ރޭއެވެ. މި މުޒާހަރާތައް ފެށީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެރޭއެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނީ އެ ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށެވެ.

