އިންސާނީ ކަރާމާތް ޙިމާޔަތްކޮށް، ޢަދުލު އިންސާފު ކުރިއެރުވުމުގައި މިނިވަން ނޫސްވެރިކަން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް އަލިއަޅުއްވާލައްވާފައިވަނީ މިއަހަރުގެ ޝިޢާރު ކަމުގައިވާ “ރިޕޯޓިންގ އިން ދަ ބްރޭވް ނިއު ވޯލްޑް: ދަ އިމްޕެކްޓް އޮފް އާޓިފިޝަލް އިންޓެލިޖެންސް އޮން ޕްރެސް ފްރީޑަމް އެންޑް ދަ މީޑިއާ” އަށެވެ. މިގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ޒިންމާދާރު ގޮތެއްގައި ބޭނުންކުރެވިއްޖެނަމަ، ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެ ވަސީލަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް އޭއައި ނުރަނގަޅު ގޮތުގައި ބޭނުންކުރެވޭނަމަ މުޖުތަމަޢުގެ ތެރޭގައި ފިތުނަ ފަސާދައާއި ދޮގު މަޢުލޫމާތު ފެތުރުމުގެ ފުރުސަތު އިތުރުވެގެންދާނެކަން ފާހަގަކުރައްވައި، އޭއައިގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެ ޓެކްނޮލޮޖީ ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި، “ރާއްޖޭގައި މިނިވަން ޒިންމާދާރު ނޫސްވެރިކަމަކަށް ޖާގަދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ސާބިތުކަމާއެކު ކުރިއަށްދާނެ” ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޞައްޙަ އަދި އިތުބާރުހުރި ގޮތެއްގައި މަޢުލޫމާތު ފެތުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ހިތްވަރަށް ތަޢުރީފުކުރައްވާފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ނެރޭ އިންޑެކްސްގައި ރާއްޖެއިން މިއަހަރު ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދައި، 104 ވަނަ ހިސާބުގައި ވަނީ ޤާއިމުވެފައެވެ. ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

