ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ 2,129 ވައުދު ފުއްދުމަށްޓަކައި، މި އަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2,130 މަޝްރޫޢެއް ކުރިއަށްގެންދާނެ ކަމަށް މިއަދު އިޢުލާނުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ 289 ވައުދާއި، ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި 1,051 ވައުދާއި، ދަތުރުފުޅުތަކުގައި ވެވަޑައިގެންނެވި 484 ވައުދާއި، އެކި އިވެންޓުތަކުގައި ވެވަޑައިގެންނެވި 305 ވައުދާއެކު ޖުމްލަ 2,129 ވައުދެއް ވެވަޑައިގެންފައިވާކަން ހާމަކުރެއްވިއެވެ.
"މިވައުދުތަކަކީ ރައީސް އޮފީހުގައި ވަރަށް ސިސްޓަމެޓިކަލީ ލިސްޓުކުރެވިގެން މޮނިޓާކުރެވޭ ވައުދުތަކެއް. މިއިން ކޮންމެ ވައުދަކާ ބެހޭ ގޮތުން މުޅި ސަރުކާރުގެ ނިޒާމުގެ ތެރެއިން، އަޕްޑޭޓު ނަގައި، މޮނީޓާކޮށް، ކަންކަން ފެސިލިޓޭޓުކޮށްދީ ހާސިލުވަމުންދާވަރު ބަލާ ވައުދުތަކެއް،" ރައީސް ވިދާޅުވިއެވެ.
މަޝްރޫޢުތަކުގެ ތަފްސީލު
ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ކުޅިވަރުގެ 551 މަޝްރޫޢާއި، ކުނީގެ ނިޒާމުގެ 153 މަޝްރޫޢާއި، ސިއްޙީ ދާއިރާގެ 131 މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން، ބިނާރު ޕްރޮގްރާމުގެ ދަށުން 141 ސްކޫލް މަޝްރޫޢަކާއި، ބޭންކިން ދާއިރާގެ 136 މަޝްރޫޢެއްވެސް ހިމެނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްގެންދިއުމަށް ސަރުކާރުން އަންނަނީ ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އަދި މި މަޝްރޫޢުތަކަކީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް އަމާޒުކޮށްގެން ރޭވިފައިވާ މަޝްރޫޢުތަކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

