ކުރިން ކޮރަލް ބޮލެވާޑް މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވާ ބިމުގައި ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި މާލެ ސަރަޙައްދުގައި ތިން ވަޤުފު އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުޅުމާލޭގައި ދާރުއްސަލާމް އިސްލާމިކް ކޮމްޕްލެކްސްއާއި، މާލޭގައި ދާރުލްއަރްޤަމް މަޝްރޫޢު އަދި ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް ހިމެނެއެވެ.
ރަސްފަންނު ސަރަޙައްދުގައި އޮންނަ 70,000 އަކަފޫޓުގެ ބިމުގެ ތެރެއިން 10,000 އަކަފޫޓު، ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް ތަރައްޤީކުރުމަށް ޚާއްސަކުރުމަށް ވަނީ ނިންމާފައެވެ. މި އިމާރާތްތައް ނިމުމުން، އިސްލާމީ ކަންކަމަށް ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުން ނުނަގާ ގިނަ ކަންތައްތައް ކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މިސްކިތް ބިނާކުރެވޭ އަހަރު. 2025. މިއަންނަ އަހަރަށް ކަނޑައަޅާފައި ހުރި މިސްކިތް ބިނާކުރުމާއި އިސްލާމިކް ސެންޓަރުތައްވެސް ޤުރުއާނާ ބެހޭ މަރުކަޒުގެ ތަންތަނުގެ އިތުރަށް އިސްލާމީ ދާއިރާގެ މަޝްރޫޢުތައް މިއަންނަ އަހަރަށް ކަނޑައަޅާފައި ހުންނާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ހުރި ހަމައެކަނި ވަޤުފު އިމާރާތަކީ މާލޭގައި ހުރި "ދާރުލް އީމާން" އެވެ. މި އިމާރާތުން އަހަރަކު 6 މިލިއަން ރުފިޔާ ލިބޭއިރު، އަލަށް ތަރައްޤީކުރާ ވަޤުފު އިމާރާތްތަކާއެކު އަހަރަކު 50 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. އަދި އަތޮޅުތެރޭގައިވެސް މިފަދަ މަޝްރޫޢުތައް ފެށުމަށްޓަކައި އަތޮޅު ވަޤުފު މަޝްރޫޢެއް ވަނީ އިފްތިތާޙްކޮށްފައެވެ.

