ދިވެހި ސަރުކާރުން އިސްރާއީލް ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ ފަޚުރުވެރި ނިންމުމެއްކަމަށާއި، އެކަން އެގޮތުގައި ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިސްރާއީލް ޕާސްޕޯޓް މަނާކުރުމަށް ނިންމި ނިންމުމަކީ ފަލަސްތީނު ރައްޔިތުންގެ ޙައްޤުގައި ދިވެހި ހުރިހާ ރައްޔިތުންގެ ފަރާތުން ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ. "އަޅުގަނޑުމެންގެ ޤައުމު ކުޑަވެދާނެ. އެހެންނަމަވެސް 100 އިންސައްތަ އިސްލާމް ޤައުމެއް، އަޅުގަނޑުމެން އެކަމާ ދެކޮޅުކަން ހާމަކުރީ" ރައީސް ވިދާޅުވިއެވެ.
އިސްރާއީލްގެ ޕާސްޕޯޓް މަނާކުރާ މާއްދާ ހިމެނޭ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީޤުކުރެއްވީ މިދިޔަ އޭޕްރިލް 15 ވަނަ ދުވަހުއެވެ. މި ބިލު ތަސްދީޤުކުރެއްވީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ޤަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.
ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ޤައުމަކާއެކުވެސް ހަމަޖެހިފައިވާ އުސޫލުން ގުޅުންތައް ބޭއްވުން ކަމަށެވެ. އަދި ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލަށް އިޙްތިރާމްކުރާ ހުރިހާ ޤައުމަކާއެކުވެސް ގުޅުންތައް އޮންނާނެކަމަށް ވިދާޅުވިއެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ފެށިފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުއެވެ. މި ހަމަލާތަކުގައި މިހާތަނަށް 52،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، 116,000 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. ދިވެހި ސަރުކާރުން ދަނީ ބައިނަލްއަޤްވާމީ މަންޞަތަކުގައި ފަލަސްތީނުގެ ޙައްޤުގައި މަސައްކަތްކުރަމުންނެވެ.

