ބޭރު ފައިސާ މާރުކުރުމާ ބެހޭ ގަވާއިދަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް ރިސޯޓުތަކުން 214 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ. "އަޅުގަނޑުމެން އަލަށް ފާސްކުރި ބޭރުގެ ފައިސާއާ ބެހޭ ޤާނޫނުގެ ނަތީޖާއެއްގެ ގޮތުން އަމަލު ކުރަން ފެށުމާއެކީގައި ބޭންކުތަކުން މިހާރު މާރުކޮށްފި 214 މިލިޔަން ޑޮލަރު،" ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އަމަލުކުރަން ފެށި އިޞްލާޙުގެ ދަށުން، ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް، ފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިޚްތިޔާރު ބޭނުންކުރެވޭ ގޮތަށް ޤާނޫނު ފާސްކޮށްފައެވެ.
ރައީސް މުޢިއްޒު އިތުރަށް ހާމަކުރެއްވި ގޮތުގައި 2026 ގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދާ ދިވެހިންނަށް އެއާޕޯޓުން 1,000 ޑޮލަރު މާރުކުރެވޭނެއެވެ. އަދި އެ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމޭއިރު ކްރެޑިޓް ކާޑުގެ ލިމިޓް 1,400 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށާއި، 2025 ގެ މެދުތެރޭގައި ވިޔަފާރިވެރިންނަށް މުދާ އިމްޕޯޓްކުރުމަށް ބޭންކުތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރުގެ ބަދަލުގައި ބޭންކު ރޭޓުގައި ޑޮލަރު ގަނެވޭނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

