ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް 2.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްއާއި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ހާލަތު ކުރިއަށްވުރެ ރަނގަޅުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މާޗު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 791 މިލިއަން ޑޮލަރު ހުރި ކަމަށެވެ. މިއީ 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރިޒާވް 371 މިލިއަން ޑޮލަރަށް ވެއްޓުނު ފަހުން އައިސްފައިވާ ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
“އަޅުގަނޑުމެންގެ ރިޒާވް އިރާދަކުރެއްވިއްޔާ މިދަނީ ރަނގަޅު ޓްރެންޑެއްގައި ކުރިއަށް،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދައުލަތުގެ މާލީ ހާލަތާ ގުޅޭގޮތުން ހިއްސާކުރެއްވި މަޢުލޫމާތުގައި، މި އަހަރުގެ ޖަނަވަރީ 1 އިން އޭޕްރީލް 24 އާ ހަމައަށް ދައުލަތަށް 12.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، 10.5 ބިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ޖުމްލަ އަރަނި 1.9 ބިލިއަން ރުފިޔާގައި ހުރިކަން ފާހަގަކުރެއްވިއެވެ.
ސޮވެރިން ޑިވެލޮޕްމެންޓް ފަންޑުގެ ހާލަތަށްވެސް ރަނގަޅު ކުރިއެރުމެއް އައިސްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 2.4 މިލިއަން ޑޮލަރު ހުރި ފަންޑު، މިހާރު 121 މިލިއަން ޑޮލަރަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

