ބިން ހިއްކުމުގެ މަޝްރޫޢުތައް ހިންގުމުގެ ބަދަލުގައި ހިލޭ ބިން ލިބޭ ގޮތަށް ކުރީގެ ސަރުކާރުން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާޠިލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، “އެއްވެސް ފަރާތަކަށް ފައިސާ ހަރަދުކުރީމާ ބޭރުގެ ފަރާތަކަށް ބިން ނުލިބޭ ގޮތަށް މިހާރު އަޅުގަނޑުމެން ކުރިއަށް ގެންދާނީ” ކަމަށެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ގިރާވަރުފަޅު މަޝްރޫޢު އަދި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުތައްވެސް ލަސްވަމުންދަނީ މި ސަބަބާ ހުރެއެވެ. ކުރީގެ ސަރުކާރުން މި މަޝްރޫޢުތައް ރޭވިފައިވަނީ ބިން ހިއްކުމުގެ މަސައްކަތާ ގުޅުވައިގެން އިތުރު ބިންތަކެއް ދޫކުރާ ގޮތަށެވެ.
“މިހާރު ނޯންނާނެ ބިން ހިއްކި ފަރާތަކަށް އޭގެ ބަދަލުގައި ކުރީ ސަރުކާރުތަކުން ދިން ބިމެއް. އެ ހުރިހާ ބިންތަކެއް ސަރުކާރަށް ނަގައިފިން” ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބިން ހިއްކުމުގެ މަސައްކަތްތައް ކޮށްދޭނެ އައު ކޮންޓްރެކްޓަރުން ހޯދުމަށް ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ކުރީގެ ސަރުކާރުން ގިރާވަރުފަޅާއި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަޝްރޫޢުތައް ހަވާލުކުރިއިރު، އެ ހިއްކާ ސަރަހައްދުތަކުގެ އިތުރުން ކުރިން ހިއްކާފައިވާ ސަރަހައްދުތަކުން ވެސް ގިނަ އަދަދެއްގެ ބިން މަޝްރޫޢު ހިންގާ ކުންފުނިތަކަށް ލިބޭގޮތަށް އެއްބަސްވުންތައް ހަދާފައިވާކަމެވެ.

