ެއަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، އަސްކަރިއްޔާ ވަރުގަދަކުރުމަށް ކަމަށް ބުނެ ގެނައި ޓޭންކަރުތަކަކީ ހަނގުރާމައެއް ކުރުމަށް ގެނައި އެއްޗެހި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ޤައުމެއްގެވެސް އަސްކަރިއްޔާ ވަރުގަދަކޮށް ޤާބިލުކަން އިތުރުކުރުމަކީ އެއިރެއްގައި އޮންނަ ސަރުކާރެއްގެ ޒިންމާއެއް ކަމަށެވެ. އަދި މިކަން ކުރަނީ ފަޚުރުވެރި މިނިވަން ޤައުމެއްގެ މިނިވަންކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަމަށްވެސް ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަކީ ސުލްހަވެރި ޤައުމެއް. ފަޚުރުވެރި މިނިވަން ޤައުމެއްވީމަ ދިފާޢީ ބާރުގައި ޤާބިލުކަން ބާރުވެރިކަން ހުންނަންޖެހޭނެ. ގާތްގަނޑަކަށް 25 އަހަރުވީ އެ އުޅަނދުތަކަށް އަޅާނުލައި އޮންނަތާ. ޓޭންކަރުތައް ހޯދީ ހަނގުރާމައަށް ކުރާކަށް ނޫން. ކުރިން ހުރި އެއްޗެހި ނުވެސް ދުވަނީ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ޙިމާޔަތްކުރުމަށް ކޯސްޓްގާޑުގެ ބާރު ދެގުނަ ކުރައްވާނެ ކަމަށެވެ. މިކަން ހާސިލުކުރުމަށް ބައެއް އުޅަނދުތައް ބަނުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“އެ ބޮޑު ސަރަހައްދު ހިމާޔަތްކޮށް ބަލަހައްޓަން މިޖެހެނީ އިންވެސްޓްކުރަން އަންނަ މީހާ އެބަ ބަލައި ސަރަހައްދުތައް ކިހާވަރަކަށްތޯ ހިމާޔަތްކުރެވެނީ. އެހެންވީމަ އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންވެސް ލިބޭނީ އަޅުގަނޑުމެންގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓިގެން،” ރައީސް ވިދާޅުވިއެވެ.
ދިވެހި އަސްކަރިއްޔާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް “އެއަރ ކޯ” ތަޢާރަފު ކުރައްވާފަ އެވެ. މިއާއެކު ވައިގެ މަގުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިވެހި އަސްކަރިއްޔާއަށް ވަނީ ލިބިގެން ގޮސްފައެވެ.

