ކުރީ ސަރުކާރުން އެކުލަވާލާފައިވާ އަސްކަރީ އެއްބަސްވުންތައް މުރާޖަޢާކުރުމަށްފަހު، އެ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރު ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ވެރިކަމާ ހަވާލުވުމަށްފަހު ކުރީ ސަރުކާރުން އެކި ޤައުމުތަކާއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތައް ބަލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނޭ ހައިޑްރޮގްރަފީ ސަރވޭ ހެދުމުގެ އެއްބަސްވުން މިހާރު ވަނީ ބާޠިލުކޮށްފައިކަމަށް ރައީސް ހާމަކުރެއްވިއެވެ.
“އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ ފުރުޞަތު ނުދޭނަން. އެއީ ކިތަންމެ ގާތް، ކިތަންމެ ބޮޑު ޤައުމަކަށްވިޔަސް. އަދި ކިތަންމެ އެހީތައް ވަމުންދާ ޤައުމެއް ވިޔަސް. މިނިވަންކަމަށް ބުރުއަރާފާނެ ކަމުގެ ސުވާލު އުފެއްދުމުގެ ފުރުޞަތެއް ނޯންނާނެ،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތައް ހާމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް އެއްބަސްވުންތަކުގައި ހިމެނޭ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކުގެ ސަބަބުން، އެ ޤައުމުތަކުގެ ހުއްދައާ ނުލައި އެއްބަސްވުންތައް ހާމަނުކުރެވޭނެކަމަށް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަން ހިމާޔަތްކުރުމަކީ ރައީސް މުޢިއްޒުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތް ފުރަތަމަ ދުވަހު، އޭރު ރާއްޖޭގައި ތިބި ބޭރު ޤައުމުތަކުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތް ފައްޓަވާފައިވެއެވެ.

