ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށް ކުޑަ ވެސް ދުލެއް ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މި މައްސަލައިގައި މިހާތަނަށް ކުރެވިފައިވަނީ ވަރަށް އުނދަގޫ، ދަތި އަދި ކަވި މަސައްކަތްތަކެއް ކަމަށް ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ބޭރުގެ ޚަބީރުންގެ ލަފައާއި އިރުޝާދު ހޯދާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ނަމަވެސް ގެއްލިގެން ދިޔަ ކަނޑުގެ ބައި ހޯދުމަކީ އަޅުގަނޑުމެންގެ މައި ސިޔާސަތެއް. އެކަމުގައި އަޅުގަނޑުމެންގެ މަސައްކަތަކަށް ކުޑަނަމަވެސް ދުލެއް ނުދެން. ފަހަތަކަށް ނުޖެހެން،" ރައީސް ވިދާޅުވިއެވެ.
ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ހުށަހެޅި މައްސަލައިގައި، ނިމިދިޔަ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަޙައްދުން ބޮޑު ބައެއް ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު އަނބުރާ ހޯދުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭނެ ކަމަށް ބައިނަލްއަޤްވާމީ ކޯޓުން ނިންމި ނިންމުމާ ގުޅިގެން، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95,000 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ މެދުން ބައިކޮށްފައެވެ. މި މައްސަލައިގައި ކުރިއަށް ގެންދަންޖެހޭ މަސައްކަތްތައް ކުރުމަށް ސަރުކާރުން ވަނީ ކުރީގެ ބަންޑާރަނައިބު މުޙައްމަދު އަނިލްގެ އިސްނެންގެވުމުގެ ދަށުން ކޮމިޓީއެއް އެކުލަވާލާފައެވެ.

