ސިއްޙީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން މެރކް ފައުންޑޭޝަންގެ އިސް ވެރިންނާއެކު މަޝްވަރާކޮށްފިި އެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމްގެ އިތުރުން ސިނިއަރ ލެވަލްގެ އެކި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެރކް ފައުންޑޭޝަންގެ ފަރާތުން ބޯޑް އޮފް ޓްރަސްޓީސްގެ ޗެއާމަން ޕްރޮފެސަރ ޑޮކްޓަރ ފްރޭންކް ސްޓަންގެންބަރގް ހަވަރކެމްޕް އަދި ފައުންޑޭޝަންގެ ސީއީއޯ ސެނެޓަރ ޑޮކްޓަރ ރަޝާ ކެލެޖް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު މުހިންމު ކަންތައްތަކުގެ ތެރޭގައި، ޚާއްސަ ދާއިރާތަކުން ޑޮކްޓަރުން ތަމްރީން ކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ސްކޮލަޝިޕްގެ ފުރުސަތުތައް ހޯދައިދިނުމަށް މަޝްވަރާކުރެވުނުއިރު، ދަރިމައިވުމުގެ ޞިއްހަތާ ގުޅުންހުރި ސިޔާސަތުތައް އެކުލަވާލުމާއި އެކަމާ ގުޅުންހުރި ފަރުވާގެ ނިޒާމް ހަރުދަނާކޮށް، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ އާއި ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ހަަމައެއާއެކު، ކެންސަރ ބައްޔާއި މެންޓަލް ހެލްތު ފަދަ ބަލިތަކުން މުޖުތަމައު ރައްކާތެރިކުރުމަށްޓަކައި ސްކްރީނިންގ އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ކެމްޕޭންތައް ހިންގުމުގައި ދެ ފަރާތްގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މެރކް ފައުންޑޭޝަންގެ “މޯ ދެން އަ މަދަރ” ޕްރޮގްރާމުގެ އެންބެސެޑަރެއްގެ ހައިސިއްޔަތުން އެ ކަމަނާގެ އަރިހަށް ޒިޔާރަތް ކުރައްވާ، އެކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވާ، މެރކް ފައުންޑޭޝަންގެ އިސް ވެރިން ވަނީ އެކަމަނާއަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.

