އަސާސީ މަދު ބޭހެއް ފިޔަވައި ހުރިހާ ބޭހެއް މިހާރު ލިބޭނެ ކަމަށާއި ބޭސް ލިބުމުގެ ދަތިވުމުގެ މައްސަލަ ދިމާވީ ވިޔަފާރިވެރިން ގަސްތުގައި ބޭސް އެތެރެކުރުން ހުއްޓާލުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން، ބައެއް ވިޔަފާރިވެރިން ގަސްތުގައި ބޭސް ގެނައުން ހުއްޓާލުމުން ބޭސް ލިބުމަށް ދަތިވެގެންދިޔަ ކަމަށާއި އެސްޓީއޯ އަށް ބޭސް އެހާ ވަރަށް ބޭސް ވަގުތަށް ނުގެނެވުނީ ކަމަށް ރައީސް ވިދާޅުވިއެވެ.
“ހަމަ ގަސްދުގައި ގެނައުން ހުއްޓާލީ ބައެއް ބޭސް، ހަމަ ޗޯކު ކޮށްލަން ވެގެން. ހުއްޓާލީމަ ތާށިތަކެއް ދިމާވީ. އެސްޓީއޯ އަށް އިންޓައިމް ނުގެނެވުނީ ބޭސް އެހާ ވަރަށް” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް، މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެޅި އަވަސް ފިޔަވަޅުތަކުގެ ތެރޭގައި އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ 10 ބޭހެއްގެ ފިޔަވައި އެހެން ހުރިހާ ބޭހެއް ގެނެސް، އެސްޓީއޯގެ ހުރިހާ ބޭސްފިހާރައަކަށް މިހާރު ފޮނުވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެެވެ.
ހަމައެއާއެކު، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ 784 ބޭސް މިހާރު ގެނެސްފައިވާ ކަމަށާއި، ބާކީ ހުރި 308 ބޭހަށް އޯޑަރު ދީފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެހެން 115 ބޭހެއް ގެނައުމަށް ސަޕްލަޔަރުން ހޯދުމުގެ މަސައްކަތް މިހާރު އެސްޓީއޯ އިން ކުރަމުން އަންނަ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަގު ކޮންޓްރޯލްކުރި 70 އަށްވުރެ ގިނަ ބޭހަކުން %15 ފައިދާ ލައިގެން ވިއްކޭގޮތަށް ވިޔަފާރިވެރިންނަށް ލުއިދީފައިވާ ކަމަށާއި މިއީ ބޭސް ގެނައުމަށް ބާރު އެޅުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި އާސަންދައިން ބޭހަށް ކުރާ ޚަރަދު ކުޑަކުރުމަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވާއިރު، ޑޮކްޓަރުން ދޭ ހުރިހާ ބޭހަކީވެސް އާސަންދައިގައި ރަޖިސްޓްރީކޮށްފައިވާ ބޭސްތަކެއްކަން ކަށަވަރުކުރާނެ ނިޒާމެއް ގާއިމުކުރުމާއި، ޓްރީޓްމަންޓް ގައިޑްލައިންތައް އެކުލަވާލުން ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސްޓީއޯއިން އެ ވަގުތަކު ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެހެން ޑޭޝްބޯޑެއް ތައްޔާރުކޮށް، މި ބަދަލުތަކަށް ޑޮކްޓަރުން އަހުލުވެރިކުރުވުންވެސް މީގެ ތެރޭގައި ހިމެނޭކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މިއާއެކު، ބޭސް ލިޔެދޭ ވަގުތުން ފެށިގެން އެ ބޭސް ލިބެން ހުރި ތަނާއި، އަގު ފަދަ މަޢުލޫމާތު ބަލިމީހުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ގާއިމްކުރެވިގެންދާނެއެވެ.

