އައްޑު އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަޑް ހައްލެއް ހޯދަން ކުރިއަށް އޮތް 10 އަހަރަށްވާ ވަރަށް ކަރަންޓް ކެޕޭސިޓީ އިތުރު ކުރަން ބޮޑު މަޝްރޫއެއް ރާވާފައިބާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ އެކަމަށް ބޭނުންވާ ފައިސާ ވެސް ގިނޭންސް މިނިސްޓްރީގެ ތެރެއިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެހެންވެ ކަރަންޓް ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސްތެރޭގައި ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫގެ އިތުރުން ފުވައްމުލަކުގެ ކަރަންޓް ކެޕޭސިޓީ ވެސް ކުރިއަށް އޮތް 10 އަހަރަށްވާ ވަރަށް، ދައްޗެއް ނެތި އުފެއްދޭ ވަރަށް އިތުރު ކުރާނެ ކަމަށެވެ. އެގޮތުން ދެ ސިޓީގައި ވެސް މި މަޝްރޫއު ކުރިއަށް ގެންދަނީ ޓޫރިޒަމް ވެސް ފުޅާވަމުން އަންނާތީއާ އެކު އެކަމަށް ވެސް ރިއާޔަތްކޮށްގެން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކުރިއަށް އޮތް 10 އަހަރު ދުވަހަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ އައްޑޫ ސިޓީގަ އަދި ފުވައްމުލައް ސިޓީގައި ގާއިމުކުރުމަށް ބޭނުންވާ ވަރުގެ ކެޕޭސިޓީ ގާއިމްކުރުމަށްޓަކައި މިހާރުވަނީ ނިންމާފަ. މި މަޝްރޫއު ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ނިންމާނަން. ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގަ އައްޑުއާ ފުވައްމުލަކުގައި 10 އަހަރު ދުވަހަށް ވާވަރުގެ ކެޕޭސިޓީ ގާއިމްކޮށްދޭނަން،" – ރައީސް ޑރ. މުހައްމަދު މުއިއްޒު
އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން ފެނަކަ އިން މިދިޔަ އަހަރުގެ އެޕްރީލް 18 ގައި ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޑޮންފަންގް އިލެކްޓްރިކްއާ ހަވާލުކުރިއެވެ. އެ ކުންފުންޏާއި ހަވާލުކުރީ 32 މެގަވޮޓްގެ ޕަވާ ޕްލާންޓަކާއި ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރުމަށެވެ.
މި މަޝްރޫ އަކީ ޑޮންފަންގް އިލެކްޓްރިކްއިން ފައިނޭންސްކުރާ މަޝްރޫއެކެވެ. ފެނަކަ އިން ބުނެފައިވާ ގޮތުގައި މަޝްރޫއު ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ފުރަތަމަ ފޭހުއި އިންސްޓޯލް ކުރާނީ 9.8 މެގަވޮޓްގެ ގެ ދެ ޖެނަރޭޓަރު ސެޓާއި 5.8 މެގަވޮޓްގެ ގެ ދެ ޖެން ސެޓް ކަމަށެވެ.
"މަރާމާތު ކިޔާއެއްޗެއް ނުވެސް ގަބޫލުކުރާހެން ހީވަނީ ކުރީގަ އުޅުނު ފަރާތްތަކުން. އެހެންވީމަ އަޅުގަނޑުމެން މި ޖެހެނީ ހަމަ މަރާމާތު ކޮށްގެން އުޅެން. ވަރަށް ހާލުގަ ގިނަ ރަށްތައް ހުރީ،" – ރައީސް ޑރ. މުހައްމަދު މުއިއްޒު
ފެނަކައި އިން ބުނެފައި ޕަވަ ޕްލާންޓް ތަރައްގީ ކުރާނީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކީގަ އެވެ. އެގޮތުން މި މަޝްރޫއު ނިމުމުން އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ކުރިއަށް އޮތް 20-25 އަހަރަށް ހައްލުވާނެ ކަމަށް ބުނެފައިވެ އެވެ.

