މާލޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް ތަރައްޤީ ކުރުމަށްޓަކައި ސިނަމާލެ ބްރިޖު ހައިވޭގެ ބޭރުން ބިމެއް ހިއްކުމަށް ނިންމައި، މި މަޝްރޫޢު ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ޙަވާލުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ރޭސިންގ ޓްރެކް އެޅުމަށް ހަމަޖެހިފައިވަނީ ހުޅުލެއާއި ހުޅުމާލޭގެ ދެމެދުގައި އޮންނަ ހައިވޭގެ ބޭރުން ބިން ހިއްކައިގެން ކަމަށެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ހައިވޭގައި ހަރުކުރެވިފައި ހުންނަ ސޯލަރ ޕެނަލްތަކުގެ ބޭރުން ބިން ހިއްކައިގެން މި ޓްރެކް ތަރައްޤީކުރެވޭނެއެވެ.
މި މަޝްރޫޢު މިގޮތަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ރޭސިންގ ޓްރެކެއް އެޅުމަކީ އެންމެ ރައްކާތެރި ގޮތް ނޫންކަމަށް ފެންނާތީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރޭސިންގ ޓްރެކެއް އެޅުމަށް ބޭނުންވާ ދިގުމިން ހުންނަ ބިމެއް ހޯދުމަށް ހައިވޭގެ ބޭރު ސަރަޙައްދަކީ އެންމެ އެކަށީގެންވާ ތަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިހާތަނަށް 192 ކުޅިވަރުގެ މަޝްރޫޢުތަކެއްގައި ސޮއިކުރެވި، އިތުރު 377 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް 50 ކުޅިވަރުގެ މަޝްރޫޢު ވަނީ ނިމިފައިކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމްތަކާއި، ކުޑަކުދިންގެ ޕާކުތައް ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ކުޅިވަރުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

