މަސްތުވާތަކެތީގެ ވިޔަފާރިން ހޯދާ މުދާތައް ދައުލަތަށް ނެގުމަށް މަގުފަހިކުރުމަށްޓަކައި، މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މި އިޞްލާޙުގެ ދަށުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތައް އެކަމުން ދުރުކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށްވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، "2023 ވަނަ އަހަރާ އަޅާބަލާއިރު 478 ޕަސެންޓުގެ އިތުރުވުމެއް މަސްތުވާތަކެތި އަތުލައިގަތުމުގައި ފެނިފައިވާ" ކަމަށެވެ. މީގެ ތެރޭގައި ބަނގުރަލުގެ 10,486 ބާވަތް ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްތުވާތަކެތި ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 4,929 މަޝްރޫޢެއް މިދިޔަ އަހަރު ހިންގާފައިވާ ކަމަށާއި، 11 އަތޮޅެއްގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ޑިސްޓްރިބިއުޝަން ވިއުގަތަކަށް އަމާޒުކޮށްގެން ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން ރީހެބިލިޓޭޓްކުރުމަށްޓަކައި ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. ގަމުގައި ކޮމިއުނިޓީ ބޭސްޑް ރީހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމްކުރުމުގެ މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވާ ކަމަށާއި، މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރުމުގެ އައު ސިޔާސަތެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

