މީޑިއާތަކުގެ މާލީ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން 27.98 މިލިއަން ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީޑިއާގެ މާލީ މިނިވަންކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައެވެ.
މީގެއިތުރުން، މީޑިއާ ދާއިރާ އިތުރަށް ކުރިއެރުވުމަށްޓަކައި މީޑިއާ ވިލެޖެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
ނޫސްވެރިންނާއެކު ބޭއްވި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ވަނީ، އެމަނިކުފާނުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ މެނިފެސްޓޯގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް ކަމަށާއި، އެ މަސައްކަތުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން ނޫސްވެރިންނަށް ދެއްވާފައެވެ.
މި އިޢުލާނަކީ ރާއްޖޭގެ މީޑިއާ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް މީޑިއާ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެއެވެ.

