ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4600 ފްލެޓް އެޅުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން އަޅާ 4،600 ފްލެޓްގެ ތެރެއިން 400 ފްލެޓް އަޅާނީ ސައުދީ ޑިވެލޮޕްމަންޓް ފަންޑުގެ އެހީގައި ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ބާކީ 4200 ފްލެޓް އިމާރާތްކުރުމަށް ނިންމާފައިވަނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) އިން ކަމަށް ރައީސް ވިދާޅުވިއެވެ.
“އިންޑިއާގެ އެލްއޯސީ ފައިނަލްވެގެން އަޅުގަނޑު އިރާދަކުރެއްވިއްޔާ އުއްމީދުކުރަން އެ މަޝްރޫޢު ފެށިގެންދާނެކަމަށް،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސިނަމާލެ/މާލެހިޔާ ސަރަޙައްދުގައި 1360 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ސަރަޙައްދުގައި ފުރަތަމަ އަޅާ ދެ ޓަވަރު ޚާއްޞަކުރެވޭނީ މިހާރު ބާ އިމާރާތްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި ފްލެޓްތަކުގެ ތެރޭގައި ހަތަރު ކޮޓަރި، ތިން ކޮޓަރި އަދި ދެ ކޮޓަރީގެ ފްލެޓްތައް ހިމެނޭނެއެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ގިރާވަރު ފަޅު ހިއްކުމަށް ވެފައިވާ އެއްބަސްވުން ބާޠިލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ޖުލައި މަހުގެ ނިޔަލަށް ނިންމައި، އެތަނުން ދޫކޮށްފައިވާ ގޯތިތައް އެ ފަރާތްތަކާ ޙަވާލުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

