ސިޔާސީ މަޤާމުތަކަށް އައްޔަންކުރެވޭނެ އަދަދާއި އެ މަޤާމުތަކަށް ދައުލަތުގެ ބަޖެޓުން ގިނަވެގެން ހޭދަކުރެވޭނެ ފައިސާގެ އަދަދު ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވީ، މި އަހަރު ތެރޭގައި ސަރުކާރުން 30 ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. މީގެ ތެރޭގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ހިމެނެއެވެ.
ރައީސް ހުށަހަޅުއްވަން ނިންމެވި އިޞްލާޙުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާއި، ރިޔާސީ އިންތިޚާބު ޕްރިފަރެންޝަލް ވޯޓިންގ ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 93 އަށް ވުރެ އިތުރު ނުވާނެ ގޮތަށް ހިފެހެއްޓުމަށްވެސް ހުށަހަޅުއްވާނެއެވެ.
ލާމަރުކަޒީ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއް ގެންނަން ރައީސް ނިންމަވައިފައިވެއެވެ. މީގެ ތެރޭގައި އާބާދީ 2،000 އަށްވުރެ މަދު ރަށްރަށުގައި ތިން ކައުންސިލަރުންނާއި، އާބާދީ 2،000 އަށްވުރެ ގިނަ ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްޞަކުރެވޭ އިންސައްތަ 33 އިން 40 އަށް އިތުރުކުރެއްވުމަށްވެސް ހުށަހަޅުއްވާނެއެވެ.
“ނިޒާމު ބޮޑުވީމަ އަޅުގަނޑުމެންނަށް މި ފެންނަނީ، މިހާރު މިސާލަކަށް ރަށެއްގެ ނަން ނުކީއެއް ކަމަކު ސްކޫލެއް ނެތް ރަށެއް، ވިއްސަކަށް މީހުން ދިރިއުޅޭ ރަށެއް، ފަސް ކައުންސިލަރުން އެބަތިބި،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، އަންނަ ނޮވެމްބަރު މަހުން ފެށިގެން ޓޫރިޒަމުން ނަގާ ޓެކްސް (ޓީޖީއެސްޓީ)ގެ ވަކި އިންސައްތައެއް ކައުންސިލްތަކުގެ އެކައުންޓަށް ޖަމާކުރުމުގެ ނިޒާމަށް އަމަލުކުރަން ފަށާނެކަންވެސް ރައީސް ހާމަކުރެއްވިއެވެ.

