ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް ގިނަވެގެން ދޮޅު އަހަރުދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ދަނީ ފައުންޑޭޝަން އެޅުމުގެ މަރުހަލާގައެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިން ހަވާލުކުރި ކޮންޓްރެކްޓަރު ހުށަހެޅި އަގަށްވުރެ 83 މިލިއަން ރުފިޔާ ކުޑަކޮށް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ވަނީ މިދިޔަ ނޮވެމްބަރު މަހު ހަވާލުކޮށްފައެވެ.
“ޢަރަބިއްޔާ ސްކޫލް އެޅުމަށް ރަނގަޅު ސަރަޙައްދަކުން ބޮޑު ބިމެއް ވާނީ ހަމަޖައްސާފައި. އެ މަސައްކަތް ދޮޅުއަހަރަށްވުރެ ވުރެ ލަހެއް ނުވާނެ އިނގޭތޯ. އެއަށްވުރެ އަވަހަށް މަސައްކަތް ނިންމުމަށް މަސައްކަތް ކުރާނަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އައު އިމާރާތުގައި 42 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ހިމެނޭނެއެވެ. އަދި ސަރުކާރުން ވަނީ މަޝްރޫޢުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް 10 ފަންގިފިލާއަށް އެޅުމަށް ނިންމަވާފައެވެ.
މި އިމާރާތަކީ ރާއްޖޭގައި އެންމެ ފުރަތަމަ އަންޑަރ ގްރައުންޑް ޕާކިންގ އަކާއެކު ތަރައްޤީކުރާ ފުރަތަމަ ސްކޫލް އިމާރާތްވެސް މެއެވެ. ފައުންޑޭޝަންގެ މަސައްކަތް ނިމި، އަންނަ އަހަރު ނިމުމުގެ ކުރިން މުޅި މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

