ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވުނު ތާރީޚީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޢިއްޒު ވިދާޅުވީ އަބްދުއްރަހީމާއި އެމަނިކުފާނާ ދެމެދު މިހާރުވެސް ރަޙްމަތްތެރިކަމުގެ ގުޅުން އޮތް ކަމަށެވެ.
“އަބްދުއްރަހީމާއި އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނެތް. އަބްދުއްރަހީމަކީ އަޅުގަނޑާއި އޭރުވެސް މިހާރުވެސް ރަހްމަތްތެރި ދެ މީހުން،” ރައީސް މުޢިއްޒު ވިދާޅުވި އެވެ.
ދެ ބޭފުޅުންގެ ގުޅުން ކެނޑިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.
މި ބައްދަލުވުމުގައި، ޓޫރިޒަމް މިނިސްޓަރު ކަމުން އިބްރާހިމް ފައިސަލް ވަކިކުރެއްވުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ނިންމެވުން ނިންމެވީ އެވަގުތަށް އެންމެ ރަނގަޅު ނިންމެވުން ކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.

