މާލޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށުމަށް ނިންމާފައިވާ ނިންމުމަށް ރައްޔިތުންގެ ބޮޑު ތާއީދެއް އޮންނާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުގެ ޓެކްސީ ލައިން ތަޢާރަފުކުރުމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ އެސޯސިއޭޝަންގެ ފަރާތުން ފާޅުކުރާ ކަންބޮޑުވުންތަކާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، މި ޚިދުމަތް ތަޢާރަފުކުރުމުގެ މަޤްޞަދަކީ ވާދަވެރިކަން އުފެއްދުން ނޫން ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ޓެކްސީ ލައިންގެ ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދާނެ އެވެ. އަދި މި ޚިދުމަތުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށްވެސް ފައިދާތަކެއް ކުރާނެ ކަމަށް ވިދާޅުވި އެވެ. “މިހާރުވެސް އަޅުގަނޑަށް ޔަގީން ވޯޓެއް ނެގިޔަސް 80 ޕަސެންޓް ރައްޔިތުން ތާއީދު ކުރާނެ” ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ޓެކްސީ ނިޒާމެއް ޤާއިމުކުރުމަކީ ރައްޔިތުން ބޭނުންވާ ކަމެކެވެ. އަދި މި ޚިދުމަތުގެ ތެރެއިން ގިނަ ޑްރައިވަރުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ތިމާވެއްޓާ ރައްޓެހި އަދި ސާފު އުޅަނދުތަކެއް ބޭނުންކޮށްގެން، ފަސޭހަ އަދި ރޭވިފައިވާ ޚިދުމަތެއް ފެށުމަކީ ރައްޔިތުންނާއި މުޖުތަމަޢުއަށް ފައިދާކުރާނެ ކަމެކެވެ.

