މާލޭގައި ޒަމާނީ ފެންވަރަށް އަލަށް އިމާރާތްކުރާ މަސްމާރުކޭޓުގެ މަސައްކަތް އަންނަ ޖުލައި މަހު ފެށޭނެކަމުގެ ޔަގީންކަން މާލެ ސިޓީ ކައުންސިލުން ދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި މަޝްރޫޢަކީ އެމަނިކުފާނު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމުގައި ހުންނެވިއިރު ކުރިއަށް ގެންދަން ނިންމާފައިވާ މަސައްކަތެއް ކަމަށެވެ. އެކި ސަބަބުތަކާ ހުރެ އޭރު މި މަސައްކަތް ފެށިފައި ނުވިނަމަވެސް، މިހާރުވެސް ސަރުކާރުގެ އަމާޒަކީ މާލެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މި މަސައްކަތް ކުރިއަށް ގެންދިއުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
“ސަރުކާރުން އެކަމަށް ދޭންޖެހޭ ހުރިހައި އެއްބާރުލުމެއް ދީގެން އިރާދަކުރެއްވިއްޔާ ސިޓީ ކައުންސިލް ލައްވާ ބޭނުންވަނީ އޭރު ސޮއިކުރިގޮތަށް، ކައުންސިލް ކްލައިންޓް ގޮތުގައި ބާއްވައިގެން ކުރިޔަށްގެންދަން،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ހަތަރު ބުރިއަށް އިމާރާތްކުރާ މި މަސްމާރުކޭޓުގެ ގްރައުންޑް ފްލޯރ ޚާއްޞަކުރެވިފައިވަނީ މަސްމާރުކޭޓަށެވެ. އަދި ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ޚާއްޞަކުރެވިފައިވަނީ ކާބޯތަކެތި ވިއްކުމަށެވެ. މީގެއިތުރުން އެންމެ މަތީ ބުރީގައި އެހެނިހެން ވިޔަފާރިތަކަށްވެސް ޖާގަ ކަނޑައެޅިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
މި މަޝްރޫޢުގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިއަށް ގެންދާ ކަމަށާއި، މި އަހަރާއި އަންނަ އަހަރު އިތުރު 30 މަޝްރޫޢެއް ފެށިގެންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

