ހޯމް މިނިސްޓަރު އަލީ އިހްސާން ކޮރަޕްޝަންގެ އަމަލުތައް ހިންގަވާ ކަމަށް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު ޝަމްއާން ވަހީދު ދެންނެވި ކަމަށް ބުނެ ދައްކަވާ ވާހަކައަކީ ދޮގު ވާހަކައެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހޯމް މިނިސްޓަރު އިހްސާން ކޮރަޕްޝަން ހިންގަވާ ކަމަށް ބުނެ ޝައްމާން އެ ވާހަކަ ރައީސްއާ ހިއްސާކުރި ކަމަށާއި، އޭގެ ޖަވާބުގައި “ލޯޔަލް” ވުމަކީ އެއީ ކަމަށް ރައީސް ޝައްމާނަށް މެސެޖު ކުރެއްވި ކަމަށް ބުނާ ވާހަކައާ ގުޅޭ ގޮތުން ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ “ތި ދެ ވާހަކަވެސް ދޮގު. އަޅުގަނޑު ގާތު ވިދާޅެއްވެސް ނުވޭ އަދި އަޅުގަނޑު އެކަހަލަ ވާހަކައެއްް ނުވެސް ދަންނަވަން ޝައްމާނަކަށް” ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ މުވައްސަސާތަކުގެ އިތުބާރު ދެމެހެއްޓުމަކީ އެމަނިކުފާނަށް މުހިންމު ކަމެއް ކަމަށާއި، އެ މުވައްސަސާތަކަށް އައްޔަންކުރައްވާ އެއްވެސް ބޭފުޅަކު ކޮރަޕްޝަންގެ އަމަލެއް ހިންގާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ޝައްމާންގެ މައްސަލައިގައިވެސް ފެނިގެން ދިޔައީ އެ މަންޒަރު ކަމަށް ވިދާޅުވި އެވެ.
ޝައްމާންގެ މައްސަލައިގައި ހެކި ހުރި ކަމަށް ރައީސް ވިދާޅުވެއްޖެ
ޝައްމާން މަގާމުން ވަކިކުރެއްވީ ތުހުމަތުތަކާއި ހެކިތަކާ އެކު ފެންނަން ހުރި ކަންތައްތަކެއް ހުރުމުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ. އެގޮތުން ޝައްމާން ހައްޔަރުކުރެވިފައިވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، ބިދޭސީންނާ ގުޅޭ އޮޕަރޭޝަންތައް ހިންގާ ޓީމުގެ ބޭރުން އެހެން މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގަ އެވެ.

