މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަލިފާން ރޯވެ، އަނދައިގެން ދިޔަ ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުން އައި އިމާރާތްތައް ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މަލްޓި ޔޫސް ކޮމްޕްލެކްސްއެއް އެޅުމަށް ސަރުކާރުން ނިންމައިފިއެވެ.
ނޫސްވެރިންނާ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި މަޝްރޫޢުގެ ކޮންސެޕްޓާއި ޑީޓެއިލް ޑިޒައިން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށެވެ. “އެތަން ތަރައްޤީކުރަނީ އޮފީސް ބަޔަކާއި އެހެނިހެން ކަންކަންވެސް ކުރިއަށްގެންދެވޭނެގޮތަށް. އެ ސަރަޙައްދަށް ތަރައްޤީއެއް ގެނެވޭނެ” ކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު އަލިފާނުގެ ހާދިސާ ހިނގި އިމާރާތަކީ އަމީނީމަގުގައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތީގައި ހުންނަ، ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ އަދި އިމާރާތްކުރުމާއި ބިނާވާ ބެހޭ ވުޒާރާ ހިންގަމުން އައި އިމާރާތެވެ.
މި ހާދިސާގައި އެ އިމާރާތާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގއަށްވެސް ވަނީ އަލިފާނުގެ ސަބަބުން ގެއްލުންތަކެއް ލިބިފައެވެ. ގްރީން ބިލްޑިންގއަކީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ހިންގަމުން އައި އިމާރާތެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން މި ވުޒާރާތަކުގެ މަސައްކަތްތައް މިހާރު ކުރިއަށްދަނީ ދަރުބާރުގޭގައެވެ.

