ރާއްޖޭގެ ޖުޑީޝަރީގެ މިނިވަންކަމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި، މިހާރުގެ ސަރުކާރަކީ ޑިމޮކްރެޓިކް ވެރިކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކޮށް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށްފައިވާތާ 60 ދުވަހަށްވުރެ ގިނަ ދުވަސްވެ، ދުސްތޫރީ މައްސަލަތައް ނުބެލޭ ހާލަތާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، “އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުންނަ ކަމެއް ނޫން ކޯޓެއްގައި ޖުޑީޝަރީގައި ކަމެއް ހިނގާ ގޮތް” ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށުގައިވާ ތަނެއް ނޫންކަމަށާއި، ޖުޑީޝަރީގެ ތެރޭގައި ހިނގާ ކަންކަމާ ގުޅޭގޮތުން ޖަވާބުދާރީވާންޖެހޭނީ ޖުޑީޝަރީން ކަމަށެވެ. އަދި ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ވެސް ޖުޑީޝަރީއަށް އަތްނުބާނާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
“ހަމަ ޔަޤީނުން ވެސް ޑިމޮކްރެޓިކް ވެރިކަމެއް. އެއީ ރައްޔިތުންގެ ވޯޓަކުން އިލެކްޝަނުގެ ހުރިހާ މަޤާމުތަކަށް މީހުން ނަގަނީ ވެސް، ހަމަ ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން” ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުއައްސަސާތަކަށް ޤާނޫނުއަސާސީން ލިބިދޭ ބާރުގެ ތެރެއިން ފުރިހަމަ މިނިވަންކަން ލިބިގެންވާ ކަމަށާއި، އެ މިނިވަންކަމަށް އެއްވެސް ހުރަހެއް ނާޅުއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ މަސައްކަތްތައް ހުއްޓިފައިވާ މައްސަލައާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އަދިވެސް އުފެދިފައިވާއިރު، މި މައްސަލަ ހައްލުކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވަކި ގޮތެއް ސަރުކާރުން ނިންމާފައި ނުވާކަން ފާހަގަކުރެވެއެވެ.

