ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޗުއްޓީ ހޭދަކުރެއްވުމަށް ހާއްސަކޮށްފައި އޮންނަ އާރަށާއި ރިޔާސީ ގަނޑުވަރު މުލިއާގެއިން ފަރިއްކޮޅަށް ކުރެވިފައިވާ ހަރަދުތަކާ ގުޅޭ ތަފުސީލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އާރަށަށް މިހާތަނަށް 116 ފަހަރު ވަޑައިގެންފައިވެއެވެ. މީގެ ތެރެއިން 85 ފަހަރު ވަޑައިގެންފައިވަނީ ހަމައެކަނި ފުޓުބޯޅަ ކުޅުއްވުމަށެވެ. އަދި 31 ފަހަރު ވަޑައިގެންފައިވަނީ އާއިލާއާއެކު ވަގުތު ހޭދަކުރެއްވުމަށެވެ.
އާރަށަށް ކުރައްވާފައިވާ 116 ދަތުރުފުޅަށް ސެކިއުރިޓީ ލޯންޗުގެ ތެލަށް ޖުމްލަ 844,635.60 ރުފިޔާ ހަރަދުވެފައިވާކަން ރައީސް ހާމަކުރެއްވިއެވެ. އަދި 2023 ވަނަ އަހަރު މުލިއާގޭގެ ފަރިއްކޮޅަށް 565,703.93 ރުފިޔާ ހަރަދުވެފައިވާއިރު، 2024 ވަނަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހާ ހަމައަށް 175,564.17 ރުފިޔާ ހަރަދުވެފައިވާކަމަށް ވިދާޅުވިއެވެ.
"ފުޓުބޯޅަ ކުޅުއްވުމަކީ ވަރަށް ކުރައްވާ ހިތްޕުޅުވާކަމެއް. ސިއްހަތު ރަނގަޅަށް ބެހެއްޓެވުމުގެ މަގުސަދުގައި ކަސްރަތުކުރެއްވުމަށާއި މުނިފޫހިފިއްލެވުމަށް ފުޓުބޯޅަ ކުޅުއްވަން ބައްލަވާއިރު އާރަށުގައި ރަނގަޅު ފެންވަރުގެ ފުޓްސެލް ދަނޑެއް ހުންނާތީ އެރަށަށް ވަޑައިގަންނަވަނީ،" ރައީސް ވިދާޅުވިއެވެ.
މި މައުލޫމާތުތައް ހާމަކުރެއްވީ، ރައީސްގެ އާރަށުގެ ދަތުރުފުޅުތަކާއި ފަރިއްކޮޅުގެ ހަރަދުތަކާ ގުޅޭގޮތުން މީސްމީޑިޔާގައި ދޮގު މައުލޫމާތުތަކެއް ފެތުރެމުންދާތީއެވެ. މިފަދަ ދޮގު ތުހުމަތުތައް ކުރަމުންދާ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

