މި ސަރުކާރުން ފައިސާ ޗާޕުކުރަން ނިންމާފައިވާ ކަމަށް ބުނެ ވާދަވެރީންނާއި ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްދު ދެއްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، “ފައިސާ ޗާޕުކުރުމުގެ ކަމެއް ކުރާކަށް ސަރުކާރަކުން އަދި އެމްއެމްއޭ އަކުން ވެސް ނުނިންމާ. އަދި ކުރިއަށް އޮތްތާގަ ވެސް ނުނިންމާނެ. މި ސަރުކާރުން މި ދައުރުގެ ތެރޭގައި ފައިސާ ޗާޕެއް ނުކުރާނެ” ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.
މިއަދު ހެނދުނުން ފެށިގެން ރޭގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި ބައްދަލުވުމުގައި، އެމްއެމްއޭއާއި ސަރުކާރުން އެފަދަ ނިންމުމެއް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، އެމްއެމްއޭ އިން ހުޅުމާލެއިން ބޮޑު ބިމެއް ގަނެ، އެތައް ބިލިއަން ރުފިޔާއެއް އިޤްތިޞާދުގެ ތެރެއަށް ދައުރުކުރުވުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކާ ގުޅޭގޮތުން ވެސް ރައީސް މުޢިއްޒު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެ މައްސަލައާ ގުޅޭ މަޢުލޫމާތު އިތުރަށް ސާފުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

