އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ރަސްމީ އޯޕީޑީގެ ގަޑިތައް ނިމުމަށްފަހު، ޑޮކްޓަރުންގެ އޮފް ގަޑީގައި ރޭގަނޑު ސްޕެޝަލައިޒް އޯޕީޑީތަކެއް ހިންގުމަށް މަޝްވަރާކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މިހާރު ގިނަ ޑޮކްޓަރުން ޕްރައިވެޓް ކްލިނިކްތަކަށް ގޮސް އަމިއްލަ ވިޔަފާރީގެ ގޮތުގައި ބަލިމީހުން ބަލަމުންދާތީ، އެ ބަދަލުގައި އޮފް ގަޑިތަކުގައި އައިޖީއެމްއެޗަށް އައިސް ކްލިނިކް ހިންގުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ.
"އޭރުން ވަރަށް ބޮޑު ތަނުން ކިއު ކުޑަވާނެ. އެހެންވީމަ އައިޖީއެމްއެޗްގެ ތެރޭގައި ސްޕެޝަލައިޒް އެކި ދާއިރާތަކުން ހިދުމަތް ދެވޭ ގޮތަށް ބެލޭ ވަގުތު އިތުރުކުރެވޭ އޯޕީޑީ ކްލިނިކްތަކެއް ހަދަން ވަނީ ނިންމާފައި،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ސްޕެޝަލިސްޓް ޑޮކްޓަރުން ޕްރައިވެޓް ސެކްޓަރަށް ދާން މެދުވެރިވާ ސަބަބެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އެ ދާއިރާއިން ލިބޭ އާމްދަނީ ބޮޑުވުމެވެ. އެހެންނަމަވެސް ސަރުކާރުން ވެސް މުސާރަ ބޮޑުކޮށް، ޕޭ ހާމަނައިޒް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، އައިޖީއެމްއެޗްގައި އޮޕަރޭޝަންތައް ހަދާ ޑޮކްޓަރުންނަށް، ޕްރައިވެޓް ހޮސްޕިޓަލްތަކުން ދޭ ފަދައިން ކޮންމެ ސަރޖަރީއަކުން ވަކި ޕަސެންޓޭޖެއް ދިނުމާ މެދުވެސް މަޝްވަރާކުރަމުންދާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މިކަމުގެ ސަބަބުން ޑޮކްޓަރުން ޕްރައިވެޓް ތަންތަނަށް ނުގޮސް އައިޖީއެމްއެޗްގައި މަސައްކަތްކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

