ދިވެހި އަސްކަރިއްޔާއަށް މިސައިލު ގަންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދޮގުކުރައްވައިފިއެވެ. ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިސައިލެއް ގަތުމަށް ނުވަތަ ހޯދުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.
“އަޅުގަނޑާ ބައްދަލުކުރަން އައި ބޭރު ގައުމެއްގެ ސަފީރެއް ބައްދަލުކޮށްފައި ވަރަށް ކަންބޮޑުވެގެން ދެއްކި މިސައިލްގެ ވާހަކަ. އަޅުގަނޑު ބުނީ ނޫނެކޭ، ތިއީ ހުސް ދޮގު ވާހަކަތަކެކޭ. އަޅުގަނޑުމެން ނޫޅެމޭ މިސައިލު ގަންނާކަށް. ނުގަންނަން މިސައިލެއް، ހޯދާކަށް ވެސް ނޫޅެން،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް، ރާއްޖެ އާއި ތުރުކީއާ ދެމެދު އޮންނަ ގާތް ގުޅުމުގެ ދަށުން ތުރުކީން ރާއްޖެއަށް މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މި އުޅަނދަކީ މިސައިލް ހަރުކޮށްފައި ހުންނަ އުޅަނދެއް ނޫން ކަމަށާއި، ރާއްޖޭގައި މިހާތަނަށް ނެތް ސައިޒެއްގެ އުޅަނދެއް ކަމަށް ވިދާޅުވިއެވެ.
ތުރުކީގެ އަނަދޯލު އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތުރުކީން ރާއްޖެއަށް ހަދިޔާކުރަނީ މިސައިލުން ހަމަލާދިނުމުގެ ގާބިލްކަން ލިބިފައިވާ ޑޯގަން-ކްލާސްގެ އުޅަނދެއް ކަމުގައިވާ ޓީސީޖީ ވޮލްކަން (ޕީ-343) މަނަވަރެކެވެ.
ދިފާއީ ވުޒާރާއިން ބުނެފައިވަނީ މި އުޅަނދަކީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެހީތެރިވެދޭނެ އުޅަނދެއް ކަމަށެވެ. މި އުޅަނދު އޮޕަރޭޓްކުރުމަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ސިފައިންގެ ޓީމެއް މިހާރުވެސް ދަނީ ތުރުކީގައި ތަމްރީނު ހޯދަމުންނެވެ.

