އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާއަށް އެއްވެސް އިރެއްގައި އިންޒާރު ދެއްވާފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. މިކަން ރައީސް ހާމަކުރެއްވީ މިރޭ ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒަށް ގުޅުއްވި ނަމަވެސް، އެއްވެސް ހާލެއްގައި އިންޒާރެއް ދެއްވާފައި ނުވާ ކަމަށެވެ. “ފިޔާޒަކީ ކުރިންވެސް ދަންނަ ބޭފުޅަކަށްވާތީ އަޅުގަނޑު ގުޅާލިން، އެކަމަކު އެއްވެސް އިންޒާރެއް ނުދެން،” ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އެ ފޯނު ކުރެއްވުމުގައި އެމަނިކުފާނުގެ ބޭބޭފުޅުންނާއި އާއިލާއާ ބެހޭ ގޮތުން ހަގީގަތެއްނެތް ދޮގު ވާހަކަ ނުފެތުރުމަށް އެދިވަޑައިގަތް ކަމަށެވެ.
ނަމަވެސް އެއްވެސް ބާވަތެއްގެ އިންޒާރެއްގެ ވާހަކައެއް ދެކެވިފައި ނުވާ ކަމަށް ރައީސް މުއިއްޒު އިތުރަށް ހާމަކުރެއްވި އެވެ.

