މީހުންގެ ކުރިމަތީގައި ދަރިންނަށް އެއްޗެހި ކިޔައި އަނިޔާކޮށް ހެދުމަކީ އޭގެ ނަތީޖާ ހީވެސް ނުކުރާހާ ގޯސް އަދި ހިތި އެހާމެ ހިތްދަތިވެދާނެ ކަމެއްކަން ދަންނާށެވެ. ހިތަށް އަރާފާނެއެވެ. ގިނަމީހުންގެ ތެރޭގައި ކުށް ދައްކައި އަނިޔާކޮށް ހެދުމުން ދެން ލަދުންވެސް އެފަދަ ކަމެއް ނުކުރާނެއެވެ. ނޫނެކެވެ، ވަރަށް މަދު ފަހަރެއްގައި މިހެން ވެދާނެއެވެ. އެކަމަކު އެގޮތަށް ކުއްޖާ ރަނގަޅުވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
މައިންބަފައިންނަކީ ދަރިންގެ ފުރަތަމަ މުދައްރިސުންނެވެ. އެހެންކަމުން ދަރިންގެ ތަރުބިއްޔަތަކީ މައިންބަފައިންގެ އެންމެ މުހިންމު އެއް ޒިންމާއެވެ. ނަމަވެސް ބައެއް މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި ކުރާ ބައެއް ކަންތައްތަކުގެ ސަބަބުން ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މީގެ ތެރޭގައި މީހުންގެ ކުރިމަތީގައި ދަރިންނަށް އެއްޗެހި ކިޔުމާއި ލަދުގަންނަވާލުން ހިމެނެއެވެ. މީހުންގެ ކުރިމަތީގައި ދަރިންނަށް އެއްޗެހި ކިޔައި އަނިޔާކޮށް ހެދުމަކީ އޭގެ ނަތީޖާ ހީވެސް ނުކުރާހާ ގޯސް އަދި ހިތި އެހާމެ ހިތްދަތިވެދާނެ ކަމެއްކަން ދަންނާށެވެ. ހިތަށް އަރާފާނެއެވެ. ގިނަމީހުންގެ ތެރޭގައި ކުށް ދައްކައި އަނިޔާކޮށް ހެދުމުން ދެން ލަދުންވެސް އެފަދަ ކަމެއް ނުކުރާނެއެވެ. ނޫނެކެވެ، ވަރަށް މަދު ފަހަރެއްގައި މިހެން ވެދާނެއެވެ. އެކަމަކު އެގޮތަށް ކުއްޖާ ރަނގަޅުވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
ގިނަ މައިންބަފައިން ދަރިންނާމެދު ހިންގާ ނޭދެވޭ އަމަލުތަކުގެ ތެރޭގައި ޕޭރެންޓް-ޓީޗަރ ބައްދަލުވުންތަކުގައިވެސް ދަރިފުޅާ ދިމާލަށް އެއްޗެހި ކިޔުމާއި، ގިނަ ބަޔަކު ތިބޭ ތަނެއްގައި ދަރިފުޅު ލަދުގަންނަވާލުމާއި، ދަރިފުޅުގެ އެކުވެރިންގެ ކުރިމަތީގައި ދަރިފުޅުގެ އުނިކަންތައްތަކުގެ ވާހަކަ ދެއްކުން ހިމެނެއެވެ. މިފަދަ ކަންކަމަކީ ދަރިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ ކަންކަމެވެ.

މީހުންގެތެރޭ ދަރިންނާ ދިމާއަށް އެއްޗެހި ކިޔައި އަނިޔާކޮށް ލަދުނުގަންނަވާށެވެ.– ފޮޓޯ: ކިޑްސްލައިފް
"މަގޭ ދަރިތަ، ކޮށްފާނެ، ވަރަށް ވިޔާނުދާ ކަންތައް ކުރާނީ، ގޭގައިވެސް އުޅޭގޮތް އެއީ، ބަހެއް ނާހާނެ،" ކުދި ކިޔަމުން ދަރިފުޅުގެ ކަންފަތުގައި ހިފާ އަނބުރާލާއިރު ހިތަށް އަރާނެއެވެ. މާދަމާ އެހެން ކުލާހުގައި ސަކަރާތް ޖަހާކަށް ނުކެރޭނެއެވެ.
"ލަދެއް ނުގަނޭތަ، އެއީވެސް ހަމަ ތިއުމުރުގެ ކުދިންނޭ، އެކުދިންގެ މަންމަމެން އެތިބީ ކިހާ އުފަލުން، ބަސް އަހައިގެން ކިޔަވާށޭ ބުނީމަ ކުޅެން އުޅުނުތަން މިފެންނަނީ،"
މިކަހަލަ ބަސްތައް ބުނާއިރު އެހެންމީހުން ކުރިމަތީގައި ގަތް ލަދު ކުއްޖާގެ ސިކުނޑީގައި ހަރުލާފައި ހުންނާނީ ކިހާ ދުވަހަކަށް ކަން އެނގޭހެއްޔެވެ، އަދި އޭގެއިން ސަލާމަތްވާން ކުއްޖާ އަށް ކަތި ފިޔަވަޅު އެޅޭއިރު ހުދު އެކަން އެކުއްޖާއަށްވެސް އިހުސާސްނުވެދާނެއެވެ. އެކަމަކު އެއްކަލަ ލަދު، ކުއްޖާގެ މުޅި މުސްތަގުބަލު އަނދިރިކޮށްލަން ފުދޭކަން ތިޔަ މައިންބަފައިންނަށް ބެލެނިވެރިންނަށް އެގޮތަށް އެންމެންގެ ތެރޭ ފަޟީޙަތްކޮށް ލަދުގަންނަވާއިރު ނުވިސްނިދާނެއެވެ. އަދި ދެން ހިތަށްވެސް ނާރާގޮތަކަށް އެކަމުގެ ހިތިނަތީޖާ ފެންނަހިނދު އޮންނާނީ މާލަސްވެފައި ކަމަށްވެސް ވެދާނެއެވެ.
ކުޑަކުދިންގެ ސިކުނޑީގެ ތަރައްޤީ؛ ކުޑަކުދިންގެ ސިކުނޑިއަކީ މަޑު އުށްގަނޑެއް ފަދައިން ފަސޭހައިން ބައްޓަންކުރެވޭ އެއްޗެކެވެ. އެހެންކަމުން ކުއްޖާގެ އުޅުން ބައްޓަންވަމުން އަންނަނީ އެކުއްޖާ އުޅޭ މާހައުލުން ފެންނަ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. މައިންބަފައިންގެ ނޭދެވޭ އަމަލުތަކުގެ ސަބަބުން ކުއްޖާގެ ކިބައިގައި ހަނގާކުރުމާއި އެހެން މީހުންނަށް މަލާމާތްކުރުން ފަދަ ނޭދެވޭ އާދަތައް އަށަގަތުމަކީ އެކަށީގެންވާ ކަމެކެވެ.
ނަފްސާނީ އަސަރުތައް؛ މީހުންގެ ކުރިމަތީގައި ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔައި ލަދުގަންނަވާލުމުގެ ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރެއެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ކުދިން މާޔޫސްވެ، ހިތާމަކޮށް، އަދި ބައެއް ހާލަތްތަކުގައި ސީރިއަސް ނަފްސާނީ ބަލިތަކަށް މަގުފަހިވެގެންދެއެވެ.

މީހުންގެތެރޭ ދަރިންނާ ދިމާއަށް އެއްޗެހި ކިޔައި އަނިޔާކޮށް ލަދުނުގަންނަވާށެވެ.– ފޮޓޯ: ކިޑްސްލައިފް
އިތުބާރު ގެއްލުން؛ މައިންބަފައިން މިފަދަ އަމަލުތައް ކުރުމުގެ ސަބަބުން ދަރިފުޅާއި މައިންބަފައިންނާ ދެމެދު އޮންނަ އިތުބާރު ގެއްލި، ދަރިފުޅު މައިންބަފައިންނަށް ދިމާވާ މައްސަލަތައް ހިއްސާނުކޮށް ސިއްރުކުރަން ފަށައެވެ. މިއީ ދަރިންގެ މުސްތަޤުބަލަށް ވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.
ރަނގަޅު ހައްލު؛ ދަރިފުޅު ކުށެއް ކުރާ ހިނދު، އެކަމާ ކުރިމަތިލާންވާނީ ހަމަޖެހިގެން، ރުޅި މަޑުކޮށް، ރީތި ބަހުން ވާހަކަދައްކައިގެންނެވެ. އެންމެ ރަނގަޅު ގޮތަކީ ދަރިފުޅާ އެކަނި ބައްދަލުކޮށް، ރަނގަޅު ގޮތް ވިސްނައިދިނުމެވެ. މިގޮތުން ދަރިންނަށް ލޯބިން މުޢާމަލާތްކޮށް، އެކުދިންގެ އިހުސާސްތަކަށް އިހްތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ގޯސް ނުރަނގަޅު ކަމެއް ކުރުމުން އެކަން ވިސްނައިދޭން ވާނީ ކުއްޖާ އެކަނި ބަހައްޓައިގެން ލޯބިންނެވެ، ހުދު އަމިއްލަ ނަފުސާ ސުވާލުކޮށްލީމަ މިއީ ތެދެއްކަން އެނގޭނެއެވެ، ތިމާ ކުރާ ކުށެއް ނުވަތަ ކުރެވުުނު ކުށެއްގެ ވާހަކަ ތިމާއަށް ގަދަރުކުރާ ނުވަތަ ތިމާގެ ގާތް ބައެއްގެ ކުރިމަތީގައި ހަޑިހުތުރު ބަހުން އެއްޗެހި ކިޔައި އަނިޔާކޮށްފައި ބުނެފިނަމަ ރުޅި ނާދޭ ހެއްޔެވެ، އެ ރުޅި އެއީ އެއްކަލަ ލަދެވެ. ލަދު އިންސާނާގެ ބޭރުފުށުން ފެންނާނީ ރުޅީގެ ގޮތުގައެވެ. އެހެންކަމުން ތިމާގެ ދަރިންނަށް ހެޔޮގޮތް އެދޭނަމަ އެއްވެސް ހާލެއްގައި އެކުދިން ލަދުނުގަންނަވާށެވެ.
މައިންބަފައިންގެ ހައިސިއްޔަތުން ދަރިންގެ ތަރުބިއްޔަތަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މީހުންގެ ކުރިމަތީގައި ދަރިންނަށް އެއްޗެހި ކިޔައި ލަދުގަންނަވާލުމުގެ ބަދަލުގައި، އެކުދިންނާ އެކަހެރިކޮށް ވާހަކަދައްކައި، ރަނގަޅު ގޮތް ވިސްނައިދިނުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ދަރިންނަށް ލިބޭ ނަފްސާނީ ގެއްލުންތަކުން ސަލާމަތްވެ، ދަރިންނާއި މައިންބަފައިންނާ ދެމެދު އޮންނަ ގުޅުން ވަރުގަދަވެގެންދާނެއެވެ.

