ހައްވާ ޔުމްނު ރަޝީދު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި، ޒުވާނުން ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާއިން ހައްޔަރުކުރި އައިޝަތު ޝިމަން އަހުމަދާއި، އަބްދުﷲ މަހުޒޫމް މާޖިދު ބަންދުން ދޫކޮށްލައިފިއެވެ.
ޝިމަން އާއި މަހުޒޫމް ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައެވެ.
ފުލުހުން ރޭ ހިއްސާކުރި މެސެޖެއްގައި ވަނީ އެ ދެ މީހުން ރޭ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައި ވާކަމަށެވެ.
މިއީ ޒުވާނުން މުޒާހަރާ ކުރަމުންދާތާ 11 ރޭ ވެފައިވާއިރު، ޝިމަން އާއި މަހްޒޫމް ފުލުހުންގެ ބަންދުން ދޫކޮށްލުމާއެކު މުޒާހަރާއާ ވަނީ ގުޅިފައެވެ.
ޒުވާނުން ކުރަމުން ގެންދާ ސިލްސިލާ މުޒާހަރާގެ އެ ރޭގެ އެއްވުން ރޫޅާލީ ޖީސީއީ އޯލެވެލް ކިޔަވާ ކުދިންގެ ތައުލީމީ މަސްލަހަތަށާއި އާންމުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް ކަމަށް ފުލުހުން ވިދާޅުވެއެވެ.

