މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ފާކު ނުކުރެއްވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ މައުލޫމާތުގައި ވާގޮތުން މާލޭގައި ހުންނަ ވިލިމާލެ ފެރީ ޓާމިނަލް ބޭނުން ކުރައްވާ އެންމެހާ ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް އަދި ޓެކްސީތައް ކައިރި ކުރުމަށް ދަތިވާ ގޮތަށް، ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުފަހަރު ނަގައި، އެ ސަރަހައްދު އަލުން އިންތިޒާމުކުރެވި ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ވަނީ ތަނަވަސްކޮށްފައެވެ.
އަދި ގިނަ ބަޔަކު ބޭނުންކުރާ މިފަދަ ސަރަހައްދުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކު ނުކުރެއްވުމަށް ފުލުހުން ވަނީ އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ، މުޅި މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މުހިންމު ކަމެއްގެ ގޮތުގައި ފުލުހުން ދެކެވެއެވެ.
ޕާކު ކުރުން މަނާ ސަރަޙައްދުތަކުގައި އާންމު ދަތުރުފަތުރަށް އުނދަގޫވާގޮތަށް ބަހައްޓާފައިވާ އުޅަނދުތަކާމެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދާދި ފަހުންވެސް ވަނީ ވިދާޅުވެފައެވެ.
އެގޮތުން ގްރީން ޒޯން ސަރަޙައްދާއި ސަލްމާން މިިސްކިތް ހިމެނޭ ސަރަޙައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގުގައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތައް ފިޔަވާ އެ ނޫން ތަންތަނުގައި ޕާކް ނުކުރުމަށް ވަނީ އެދިފައެވެ. އަދި މާލޭގެ ބާރުބޮޑު ސަރަހައްދުގައި ބަރު އުޅަނދު ޕާކް ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

