ހުޅުމާލޭގައި، މަސްތުގެ ހާލަތުގައި ނުރައްކާތެރިކޮށް ކާރު ދުއްވި މީހަކު ހައްޔަރުކޮށްފިއެވެ.
މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ހައިވޭ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ހެޑްލައިޓް ނުދިއްލާ 4 ސިގްނަލް ޖައްސައިގެން ނުރައްކާތެރިކޮށް ބާރުސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ފާހަގަކުރެވިގެން، އެ ކާރު މަޑުކުރަން އެންގުމުން މަޑުނުކޮށް ގޮސްފައިވާތީ، އެހެނިހެން ބީޓްތަކުގެ ސަމާލުކަމަށް މިކަން ގެނެސްފައިވެއެވެ.
މި މައުލޫމާތާ ގުޅިގެން ހުޅުމާލެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންގެ ޕެޓްރޯލް ބީޓްތަކުން މި ކާރު ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގުން ޓްރީޓޮޕާ ދިމާއަށް ދަތުރު ކުރަމުންދާ މަންޒަރު ފެނިފައިވެއެވެ.
އަދި، މަޑުކުރުމަށް އިޝާރާތް ކުރުމުން މަޑުނުކޮށް، ބަމްޕަރުތަކަށްވެސް އަދި ގޯޅި އަޅާއިރުވެސް ދުވެލި މަޑު ނުކޮށް ނުރައްކާތެރިކޮށް ދަތުރު ކުރަމުން ގޮސްފައިވެއެވެ.
މިގޮތަށް ދުއްވަމުންގޮސް ކާރު މަޑުކޮށްފައިވަނީ ރަބަރުގަސްމަގު، ފްލެޓް ނަންބަރު 97 ކައިރިއަށެވެ. އަދި ފުލުހުން ކާރު ކައިރިއަށް ދިއުމުން އަނެއްކާވެސް ކާރު ދުއްވާލަން އުޅެފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ކާރު ދުއްވި ހމ. ފްލެޓްނަންބަރު 07-1-4 / މާލެ، އުމުރުން 23 އަހަރުގެ މުޙައްމަދު މާއިސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 3 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި ކާރު ހުއްޓުވި އިރު، ކާރުގެ ކަނާތްފަރާތު ފަހަތު ފުރޮޅުގެ ޓަޔަރު ނެތެވެ. ޓަޔަރު ފެނިފައިވަނީ 103 ނަންބަރު ފްލެޓް ކައިރިންނެވެ. އިތުރު ގެއްލުންވެސް ކާރަށް ލިބިފައިވެއެވެ.
މި މައްސަލައާ ގުޅިގެން، ކާރު ޓޯވ ކޮށް މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

