އީރާނުގެ ވެރިރަށް ތެހެރާންގެ ހުޅަނގުގައި އޮންނަ އަލްބޯޒް ޕްރޮވިންސްގައި މެގްނިޓިއުޑް 4.0 ގެ ބިންހެލުމަކާއި އެކު، ބޮޑު އަލިފާންގަނޑެއް ފެތުރިފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެެވެ.
މި އަލިފާންގަނޑު ރޯވެފައިވަނީ ނަޒަރުއާބާދު ސިޓީގެ ކާޑުބޯޑު އުފައްދާ ފެކްޓްރީއެއްގަ އެވެ.
އެ ސަރަހައްދުގެ ތޫފާނީ މޫސުމުގެ ސަބަބުން ކައިރީގައި ހުރި 12 ޔުނިޓަކަށް އަލިފާންގަނޑު ފެތުރިފައިވާ ކަމަށް އެ ސިޓީގެ ލޯކަލް ގަވަރުނަރަކު ވިދާޅުވި އިރު، އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައިނުވާއިރު، އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
ހަމަ އެވަގުތު ފަރުދީސް ސިޓީގެ މޮންޓަޒަރު ޣައީމް އިންޖީނުގެ ކައިރީގައި އިތުރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ފަރުދީސް ފަޔަރ ޑިޕާޓްމަންޓްގެ އިސްވެރިޔާ ހުސައިން އަޝޫރީ ވިދާޅުވީ އަލިފާން ރޯވާން ފެށީ ރޭ 8:41 ހާއިރު ކަމަށެވެ. އަލިފާން ރޯވެފައިވަނީ އިންޖީނުގެ ކައިރީގައި ހުންނަ ކުނި ޕްލެޓްފޯމެއްގެ ކައިރީގައި ހުރި ޕޯޓަބަލް ކެބިނެއްގައެވެ. ވައިގެ މިސްރާބު ހުރި ގޮތުން މިހާރު އަލިފާންގަނޑު 2،000 އަކަމީޓަރަށް އަލިފާންގަނޑު ފެތުރިގެން ގޮސްފައިވެއެވެ.
އަލްބޯޒް ޕްރޮވިންސްގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ މީހުން ވަނީ ބިންހެލުން އައުމުގެ ކުޑައިރުކޮޅެއް ކުރިން ރޭ 9 ޖަހާކަށްލާއިރު ގޮވުމުގެ އަޑެއް އިވުނު ކަމަށް ބުނެފައެވެ.
އީރާނުގެ ސެއިސްމޮލޮޖިކަލް ސެންޓަރުން ކަށަވަރުކޮށްދިން ގޮތުގައި 4.0 މެގްނިޓިއުޑްގެ ބިންހެލުން އައިސްފައިވަނީ އަލްބޯޒް އާއި ތެހެރާން ޕްރޮވިންސްގެ ބޯޑަރުގައި އޮންނަ މަހްދާޝްތު ކައިރީގައި 8 ކިލޯމީޓަރުގެ އަޑިންނެވެ.

