ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ކުރިއަށްގެންދިޔަ ހަ މަސް ދުވަހުގެ އިންޓަރންޝިޕް ޕްރޮގްރާމު ފަސް ފަރާތަކުން މިއަދު ފުރިހަމަކޮށްފިއެވެ.
މި ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުނު އިރު، އިންޓަރންޝިޕް ފުރިހަމަކުރި ފަރާތްތަކަށް އާރުޑީސީން ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި މި ކަން އެ ކުންފުނިން ވަނީ އިޖުތިމާޢީ މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައެވެ.
އާރުޑީސީން ފާހަގަކުރި ގޮތުގައި “މުސްތަޤުބަލުގެ ލީޑަރުން ތަރުބިއްޔަތުކުރުމަށް ހިންގާ ހަރަކާތްތަކަށާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ކުންފުންޏަށް ލިބޭ ފަޚުރެއް” ކަމުގައެވެ.
އިންޓަރންޝިޕް ޕްރޮގްރާމުތަކަކީ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާ ހޯދައިދިނުމަށާއި، ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށް ވަރަށް މުހިންމު ޕްރޮގްރާމުތަކެކެވެ. މިފަދަ ޕްރޮގްރާމުތައް ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ހިންގުމަކީ ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

