ބެލަރޫސްގެ ރައީސް އަލެކްސެންޑަރ ލުކަޝެންކޯ 2013 ވަނަ އަހަރުގެ ޖެނުއަރީ 15ވަނަ ދުވަހު ބޭއްވި 7 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމަކީ އެންމެ ފުރަތަމަ ދުނިޔޭގެ ރެކޯޑަށް އެރި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމެވެ. މިބައްދަލުވުމުގައި 60 ސުވާލަށް ވަރަށް ކެރިހުރެ ލުކަޝެންކޯ ޖަވާބު ދެއްވިކަމަށްވެއެވެ. ބެލަރޫސްގެ އޭރުގެ ރައީސް އަލެކްސެންޑަރ ލުކަޝެންކޯގެ މި ރެކޯޑު މުގުރާލީ 2019 ވަނަ އަަހަރު އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހު، ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއެވެ. 300 ނޫސްވެރިންނާއެކު ބޭއްވި 14 ގަޑިއިރުގެ ބައްދަލުވުމަށްފަހު ޒެލެންސްކީ ވަނީ މުޅި ދުނިޔޭގެ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ހިފަހައްޓާލެވުނު ރައީސްގެ ލަގަބު ހާސިލުކޮށްފައެވެ. އަދި މިފަހުރު އެތައް އަހަރެއް ވަންދެން އޭނަގެ އަތުން ނެގޭނެ ވަރުގެ ރައީސަކު ދުނިޔޭގެ އެއްވެސް ގައުމެއްގެ ވެރިކަމަކަށް އަރާފައެއް ނުވެއެވެ.
މިދަައްކަނީ މުޅި ދުނިޔޭގެ ވާހަކައެވެ. ދުނިޔޭގެ ބޮޑެތި ބޮޑެތި މުއްސަނދި އަދި އެތައް ކަމެއް ހިނގާ ގިނަ ނޫސްވެރިންވެސް ތިބޭ ގައުމުތަކުގެ ވާހަކައެވެ. އެހެންނަމަވެސް ވޭތުވެދިޔަ 6 އަަހަރުތެރޭގައި ޖީނިސް ރެކޯޑުފޮތުން ޖާގައެއް ހޯދައި ޒެލެންސްކީގެ ނަން ފަހަތަށް ޖައްސާލެވުނު ރައީސަކު މުޅި ދުނިޔޭގެ އެއްވެސް ދިމާލަކުން އައި ކަމަކަށް ނުވެއެވެ. އެހެންވެސް ވާނެތާއެވެ. މިދައްކަނީ ފަސޭހަ ކަމެއްގެ ވާހަކައެއް ނޫނެވެ. ދުވަހެއްގެ ދެބައިކުޅައެއްބަޔަށްވުރެ ގިނައިރު ކޮޅަށް ހުރެގެން ނޫސްވެރިންގެ އެކިކަހަލަ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދާރީ ވުމުގެ ވާހަކައެވެ.
ކޮންމެއަކަސް ޒެލެންސްކީގެ ފަހުރު އެބޭފުޅާއާ ހަމަައިގައި އޮންނަތާ އިއްޔެ އަށް 5 އަހަރާއި 6 މަހާއި 23 ދުވަސް ވީ ދުވަހެވެ. އަދި އިއްޔެ ވެގެން މިދިޔައީ ތާރީހުގެ ތެރެއަށް ޒެލެންސްކީގެ ނަން ފަހަތަށް ޖައްސާލެވުނު ދުވަހަށްވެސްމެއެވެ.
ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ފަހަތުން އައި ކަމުގައި ވިޔަސް އަދު ދިވެހިރާއްޖެ އަކީ ތަރައްގީއާއި ތަހުޒީބާއި ތަމައްދުންގެ ގޮތުން ހަމަޔަގީނުންވެސް ފަހަތުގައި އޮތް ގައުމެއް ނޫނެވެ. އަދި ޑިމޮކްރަސީގެ މަގުގައި އެހެން ގައުމުތަކާ އެއްހަމައެއްގައި ފައި ހަމަކުރަމުން ދިއުމަށް އަދުގެ ޒައީމު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ހުރިހާ ގޮތަކުންވެސް ހިތްވަރު ކުރައްވައި މަސައްކަތް ކުރައްވަމުންނެވެ. އޭގެ އެއްހެއްކަކީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަހުގައި ރާއްޖޭގެ ނޫސްވެރިންނަށް އެމަނިކުފާނު އިއްޔެގެ ތާރީހުގައި ދެއްވި ފުރުސަތެވެ.
ރާއްޖޭގެ އެތަކެއް ނޫސްވެރިންނާއެކު އިއްޔެ ހެނދުނު 10 އެއްޖެހިއިރު ފެށިގެން މެންދަމު 01:00 އާ ހަމައަށް ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ މުއިއްޒުގެ ފަރާތުން ފެނިގެން ދިޔައީ ހަމަހަމަކަމާއި އިންސާފުވެރިކަމެވެ. ނަމާދު ވަގުތުތަކަށް މެދުކަނޑާލި 15 މިނެޓު ފިޔަވައި، 15 ގަޑިއިރު ވަންދެން ރައީސް ކޮޅަށް ހުންނަވައިގެން އެއްވެސް ވަރުބަލިކަމެއްނެތި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ ވަކިމިވެނި ނޫހަކުން، ވަކި މިވެނި ނޫސްވެރިއަކު ވަކި ސުވާލެއް ކުރުމުން އެސުވާލަށް ޖަވާބު ނުދެއްވައި ފަސްޖެހިވަޑައިގެންނެވި މަންޒަރެއް ނުފެނުނެވެ. ނޫސްވެރިން ހިތްފުރެންދެން ބޭނުން ސުވާލެއް ކޮށްލުމަށް ހުޅުވާލެވުނު ފުރުސަތުގައި އެމަނިކުފާނު ކެރިވަޑައިގެން ސުވާލުތަަކަށް ޖަވާބުދެއްވަމުން ވަޑައިގެންނެވީ ހަމަ އެއްވެސް ކަހަލަ އުނދަގޫ ކަމެއް ނެތިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންގެ ބައްދަލުވުމުގައި —- ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިންނަށް މި ބައްދަލުވުމަށް ތައްޔާރުވުމަށް ދުރާލާ ވަގުތު ދީފައިވުމުން އެންމެންވެސް ދިޔައީ މިކަމަށް ފިސާރި ތައްޔާރުވެގެންނެވެ. ޕްރެސް ކޮންފަރެންސްގެ ފުރަތަމަ ބުރުގައި ސަރުކާރުގެ ތެރެއިން ކުރައްވަމުން ގެންދަވާ އެކިކަހަލަ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމުގެ މައުލޫމާތު ދެއްވިއެވެ. ޤައުމު ތަރައްޤީކުރުމުގައި އިސްލާމްދީނުގެ ހަމަތަކަށް އިސްކަންދެއްވުމަށާއި އަދި ސަރުކާރުގެ ޚާރިޖީ ސިޔާސަތުގެ އަސާސަކީ ދިވެހީންގެ މަސްލަޙަތާއި، މިނިވަންކަމާއި، ސިޔާދަތީ ބާރު ޙިމާޔަތްކުރުން ކަމަށާއި، ހުރިހާ ޤައުމުތަކާއެކު ގާތްގުޅުން ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދ އެކި ދާއިރާތަކުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވައި، ސުވާލުތަކަށް ޖަވާބުވެސް ދެއްވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ނަތީޖާ ނެރުން ކަމަށާއި، ހުރަސްތަކާ ކުރިމަތިވިޔަސް އެންމެ ގެއްލުން ކުޑަ ހައްލު ހޯދައިގެން ކުރިއަށް ދާނެކަމަށްވެސް އެެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި ނޫސްވެރިން ކުރެއްވި ހުރިހާ ސުވާލަކަށް ރައީސް ޖަވާބުދެއްވިއެވެ. ނޫސްވެރިންނަށް ސުވާލު ކުރެއްވުމަށް ހުޅުވާލި ފުރުސަތުގެ ފުރަތަމަ ބުރުގައި ކޮންމެ ނޫސްވެރިއަކަށްވެސް އެއް ސުވާލު ކުރުމަށް ފުރުސަތު ދެއްވިއެވެ. އަދި އެ ބުރު ވަށާޖެހުމުން އަނެއްކާވެސް ދެވަނަ ބުރަކަށް ފުރުސަތު ދެއްވިއެވެ. ފަސްސަތޭކައަށްވުރެ ގިނަ ދުވަހަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ މުއިއްޒު އެއްވެސް ތަފާތު ކުރެއްވުމަކާ ނުލައި ހުރިހާ ނޫސްވެރިންގެ އަޑުވެސް އެއްސެވިއެވެ. އެހާ ގިނަ ދުވަހަށްފަހު ނޫސްވެރިންނާ ބައްދަލުވުމުން އެެހެން ޕްރެސްތަކުގެ ގަޑިތައް ކަނޑައަޅާފައި އޮންނަ އުސޫލުން 1 ގަޑިއިރުތެރޭގައި ނުވަތަ 2 ގަޑިއިރު ތެރޭގައި ރައީސްވެސް ވަޑައިގަންނަވާނެ ކަމަށް ކަންބޮޮޑުވެފައި ތިބި ނޫސްވެރިންގެ މޫނު މައްޗަށް އުޖާލާކަން ލިބިގެން ދިޔައީ މެންދުރު ނަމާދަށް މެދުކަނޑާލުމަށްފަހު އަދިވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވުމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުން ދިގުލައިގެން ދިއުމާއެކު އާންމު ރައްޔިތުންގެ ސަމާލުކަން މި ބައްދަލުވުމަށް ލިބިގެން ދިޔަކަން ހާމަވެގެންދިޔައީ ނޫސްވެރިންގެ ފޯނުތަކަށް ހުއްޓުމެއްނެތި އަންނަން ފެށި މެސެޖުތަކާއި ފޯނުކޯލުތަކުންނެވެ، އަދި ނޫސްވެރިންނަށް ސުވާލުކުރުމަށް ދެވަނަ ބުރުގައި ހުޅުވާލި ފުރުސަތުގައި 5 ސުވާލު ކުރުމަށް ހުއްދަދެއްވުމަށްފަހު މާގިނައިރުތަކެއް ނުވެ އިވުނީ ބޭނުންވަރަކަށް ސުވާލު ކުރެވޭނޭ ކަމަށް ވިދާޅުވިއަޑެވެ.
"އަޅުގަނޑު މިހިރީ ހަމަ ތިބޭފުޅުންގެ ހުރިހާ ސުވާލުތަކަށް ޖަވާބުދޭން، މާދަމާ ވިޔަސް ހުންނަ ގޮތަށް މިހިރީ،" ރައީސް ހިނިފުޅުވަޑުވަމުން ވިދާޅުވިއެވެ.
އާންމު ރައްޔިތުންގެ ހިތުގެ އަޑު ނޫސްވެރިންގެ އަޑު މެދުވެރިވެގެން ރައީސް ޑރ މުއިއްޒުގެ ކަންފަތާ ހަމައަށް ފޯރުވުމަށް ހުޅުވާލެވުނު ރަނުގެ ފުރުސަތުގައި އެތައް ބައެއްގެ ހިތުގައި ހުރި ޝަކުވާތައް ބަންޑުންވެގެން ދިޔަ މަންޒަރުވެސް ސާފުކޮށް ފެނިގެންދިޔައެވެ. އެގޮތުން އިއްޔެ ވެގެން މިދިޔައީ އާސަންދައާއި އެންސްޕާ ފަދަ ކަންކަމާއި ދަރިންގެ ތައުލީމީ ކަންކަމުގައި މައިންނާއި ބަފައިންގެ ހިތާއި ސިކުނޑީގައި އެތައް ދުވަހަކުއްސުރެ އަޅަމުންދިޔަ ވޭނަށް ތަސައްލީއެއް ލިބިގެންދިޔަ ދުވަހަކަށެވެ. އަދި ދެން މަޣްރިބު ނަމާދަށްފަހުވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވި ހިސާބުން ރާއްޖެއާއި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ތިބި ދިވެހިންގެތެރެއިން ނޫސްވެރިންގެ ބައްދަލުވުންތަކަށް ސަމާލުކަން ނުދޭ ދިވެހިންގެ ސަމާލުކަންވެސް މިޕްރެސްއަށް ހުއްޓިގެން ދިޔައެވެ. އަދި ނޫސްވެރިންނާ ހަމައަށް އެބައިމީހުންގެ ޝަކުވާތަކާއި ޖަވާބު ނުލިބި ހުރި ސުވާލުތައް އަނެއްކާވެސް އޮހެން ފެށިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންގެ ބައްދަލުވުމުގައި —- ފޮޓޯ: ރައީސް އޮފީސް
ރޭގެ އިރާކޮޅު ނިމި ޢިޝާ ނަމާދަށްފަހު ވެސް ނޫސްވެރިން ތިބީ ޖޯޝުގައެވެ. ވާނީވެސް އެހެންތާއެވެ، ރައީސް ހުންނެވީ ޖޯޝުގައިކަމަށްވާއިރު ނޫސްވެރިން ވަރުބަލިނުވާނެ ނޫންހެއްޔެވެ. ނޫސްވެރިން ތިބީ އުފަލުންނެވެ. އޭގެ ކުރިން ދުވަހަކުވެސް ވަޒީރެއްގެ ފަރާތުންވެސް އަދި ނައިބެއްގެ ފަރާތުން އަދި ރައީސެއްގެ ފަރާތުންވެސް ނުލިބޭ ވަރުގެ ފުރުސަތެއް ލިބުނީމައެވެ. އަދި ރައީސް ޑރ މުއިއްޒު ފުރުސަތު ދެއްވަމުންދިޔައީ އިދިކޮޅެއް އެއްކޮޅެއް ބައްލަވާފައެއް ނޫނެވެ. އެހެނީ ބޭނުން ނޫސްވެރިއަކަށް މައިކު ދޮށަށް ދިއުމަށް އޮތީ ހުޅުވާލާފައެވެ. ބައެއް ނޫސްވެރިން ފަސް، ހަ ފަހަރުވެސް ސުވާލު ކުރަން ދިޔައެވެ. އަދި ދިހަ ބާރަ ސުވާލުން 30 ސުވާލަށްވެސް ޖަވާބު ހޯދިއެވެ. ރައީސް ޑރ މުއިއްޒު ނުހަނު ކެރިވަޑައިގެން ހުރިހާ ސުވާލަކަށް ވެސް ފުރިހަމައަށް ޖަވާބު ދެއްވިއެވެ، އަދި ޖަވާބު ނުދެއްވޭ ސުވާލެއްނަމަ އެސުވާލުގެ ޖަވާބު ފަހުން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ތެދަށް ބުނާނަމަ އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެންމެ ގިނަ ފުރުސަތު ލިބިގެން ދިޔައީ އިދިކޮޅު ނޫސްވެރިންނަށެވެ. އަދި އެނޫސްވެރިން ކުރަމުން ދިޔަ އެކިކަހަލަ ސުވާލުތަކަށްވެސް ރައީސް ޑރ މުއިއްޒު ޖަވާބުދެއްވީ ނުހަނު ހަމަޖެހިވަޑައިގެން ހުންނަވައި އުފާވެރިކަމާއެކުގައެވެ. އަދި މީގެ ކުރިންއެއްވެސް ޕްރެސް ކޮންފަރެންސެއްގައި ނުދެވޭ ފުރުސަތުވެސް އިއްޔެ ދެވުނެވެ، ވީޑިޔޯ ކޯލު މެދުވެރިކޮށް ރައީސަށް ސުވާލު ހުށަހެޅުއްވުމުގެ ފުރުސަތު ދެއްވި މަންޒަރެވެ. މިއީ އިންތިހާއަށް ހަމަހަމަކަމުގެ މިސާލެއްނެތް ފަދަ ނަމޫނާއެއް އެހެންނޫންތޯއެވެ.
ނޫސްވެރިން އިށީނދެގެން ތިބި އިރު ރައީސް ޑރ މުއިއްޒު ހުންނެވީ ކޮޅަށެވެ. މިކަމާ ބައެއް ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ޝުކުރު އަދާކުރިމެއެވެ. 14 ގަޑިއިރު ވެގެން ކުރިއަށް ދިޔައިރުވެސް ރައީސްގެ މޫނުމަތިން ފެންނަމުންދިޔައީ މަޑުމައިތިކަމާއި އުފާވެރިކަމެވެ.
300އަށްވުރެ ގިނަ ސުވާލަށް ޖަވާބުދެއްވި އިރުވެސް ރައީސް ޑރ މުއިއްޒުގެ މޫނުފުޅު މަތީ އެއްވެސް ވަރުބަލިކަމެއް ޝަކުވާއެއް ނުރުހުމުގެ އަސަރެއް ނެތެވެ. ފޫހިފުޅުވުމެއް ނެތެވެ. އިއްޔެގެ ބައްދަލުވުމުގައި ރައީސް ވަނީ ނޫސްވެރިންނަށް ދޮގު ޚަބަރު ނުފެތުރުމަށާއި، މުޖުތަމައު ފަސާދަ ނުކުރުމަށާއި، ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ވައުދުތަކާ ބެހޭ ތަފްސީލީ މައުލޫމާތު ދެއްވައި، އެ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. މިނިވަން ނޫސްވެރިކަމެއް ގާއިމުކުރެވިފައިވާ ކަމަށް ވިދާޅުވެ، ޝަރުއީ ދާއިރާއަށާއި ތަހުގީގީ އިދާރާތަކަށް އެމަނިކުފާނުގެ ނުފޫޒު ނުފޯރުވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. ޚާއްޞަކޮށް ޖުޑިޝަރީއަކީ އެމަނިކުފާނުގެ ކޮންޓްރޯލުގެ ދަށުގައިވާ ތަނެއް ނޫންކަން ސާފުކޮށް ވިދާޅުވިއެވެ.
ރޭގެ ފުރަތަމަ ދަން ނިމި ގަޑިން 1 ޖެހިއިރު ނިންމާލި ބައްދަލުވުމަށްފަހު ވެސް ރައީސް ޑރ މުއިއްޒު، ނޫސްވެރިންނާއެކު ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. އެއްވެސް ބޮޑާކަމެއް ކިބުރުވެރިކަމެއް ނެތި ހިނިފުޅުވަޑުވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ރޭގެ ސަލާމާއެކު ވަކިވެވަޑަައިގެންނެވީވެސް ހަމަ އެ އަލި ހިނިތުންވެލައްވައި ހުންނެވި މޫނުފުޅާއެކުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، ނޫސްވެރިންގެ ބައްދަލުވުމުގައި —- ފޮޓޯ: ރައީސް އޮފީސް
މި ބައްދަލުވުމުގެ ސަބަބުން ރައީސް މުއިއްޒުގެ ވެރިކަމުގެ ހާމަކަން ބޮޑުކަން ފާހަގަކުރެވި، އިދިކޮޅު ފިކުރުގެ ނޫސްވެރިންނަށްވެސް ސުވާލުކުރުމުގެ ފުރުސަތު ދެއްވައި، ތަފްސީލުކޮށް ޖަވާބުދެއްވުމުން، ގިނަ ބަޔަކު ވަނީ އެމަނިކުފާނުގެ ކެތްތެރިކަމާއި ތެދުވެރިކަމަށް ތައުރީފްކޮށްފައެވެ.
ސޯޝަލްމީޑިއާ ޕޯސްޓެެއްގައި "އިށީދެގެން ތިބި ނޫސްވެރިން ވަރުބަލިވާއިރު ކޮޅަށް ހުރި ރައީސެއް ވަރުބައްޔެއް ނުވޭ!! ސާބަހޭ ރައީސް." އާންމު ރައްޔިތަކު ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އަދި މި ކޮންފަރެންސްގައި ރައީސް ޑރ މުޢިއްޒު ނޫސްވެރިކަމުގެ މުހިންމުކަމާއި، ތެދު މަޢުލޫމާތު ފެތުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ހަމަހަމަ އަދި ވަކިފަރާތަކަށް ނުޖެހޭ ރިޕޯޓިންގގެ މުހިންމުކަންވެސް ފާހަގަކުރައްވައި ދެއްކެވި ވާހަަކަފުޅަށް ގިނަބައެއްގެ ތައުރީފު ދަނީ އޮހެމުންނެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މި ބައްދަލުވުން މިހާރު މި ވަނީ ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައެވެ.
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ދަރަޖަަށް ބަލާލާއިރު، ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ 2025 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 180 ޤައުމުގެ ތެރެއިން 104 ވަނައަށް އަރާފައެވެ. މިއީ ކުރީ އަހަރަށްވުރެ 2 ދަރަޖަ މަތީ ހާސިލްކުރުމެކެވެ. އަދި އިއްޔެގެ ތާރީހުގައި ދިވެހިރާއްޖޭގެ ނަން މިވަނީ ރަންއަކުރުން ތާރީހުގައި ފަވާލެވިފައެވެ. ހަމައެކަނި ރާއްޖޭގައެއް ނޫނެވެ. މުޅި ދުނިޔޭގެ ތާރީހުގައި ޒެލެންސްކީގެ ނަން ފަހަތަށް ޖައްސައި، 14 ގަޑިއިރުގެ ރެކޯޑު މުގުރާލައި 15 ގަޑިއިރާއި 54 މިނެޓާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިވަނީ ދުނިޔޭގެ ރެކޯޑުން "އެންމެ ދިގު ޕްރެސް ކޮންފަރެސް"ގެ މަގާމު ހާސިލުކުރައްވާފައެވެ. އަދި މިހާރު ގޫގުލް ގައި އެންމެ ގިނަބައަކު ހޯދަމުންދާ މައުލޫމާތަކީ ރާއްޖޭގެ ރައީސް ޑރ މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމާ ބެހޭ ގޮތުންނެވެ. އަދި ފޭސްބުކްގައި އެންމެ ގިނަ މީހުން ދައްކާ ވާހަކައަށް ހޭޝްޓެގް ދުނިޔޭގެ އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުމަށް ވަނީ ވެފައެވެ،
މިއީ ކުޑަ ފަޚުރެއް ނޫންކަން ޔަގީން އެހެން ނޫންތޯއެވެ! ރައީސް ޑރ މުހައްމަދު މުއިއްޒަށް ތައުރީފު ހަމަ ޙައްޤުކަން ޔަޤީނެވެ. ސާބަހާއެކު ޝުކުރިއްޔާ!

